ލޯބީގެ ގޮތުން މީހަކާ ގުޅިގެން ނޫޅޭނަމަ ދިރިއުޅުން ފޫހި ވާނެ ވާހަކަ އަކީ އަހަރެމެންގެ މެދުގައި ވަރަށް އާއްމު ވާހަކަ އެކެވެ. އެކަނިވެރި ދިރިއުޅުމެއް އުޅުމަކީ އުފާވެރި ހަޔާތަކަށް އެޅޭ ހުރަހެއްގެ ގޮތުގައި އޮންނަނީ ދެކެވިފަ އެވެ.

ނަަމަވެސް ޒަވާޖީ ހަޔާތެއް ފަަަށަން ނުވަތަ ލޯބީގެ ގުޅުމެއް ފަށަން އަމިއްލަ ނަފްސު ތައްޔާރު ނުވާހާ ހިނދަކު ހުސްހަށިބަޔަށް ހުރުމަކީ މައްސަލައެއް ނޫނެވެ. އެހެނީ އަމިއްލަ ނަފްސު އެކަމަށް ތައްޔާރު ނުވެ އެފަދަ ކަމަކަށް ކުރިމަތިލައިފި ނަމަ ލިބޭ ހިތި ނަތީޖާ މާ ދެރަވާނެ އެވެ.

އެހެން ކަމުން އެކަނި ހަޔާތް ވޭތު ކުރާ ދުވަސްތަކަކީ ވެސް ހިތްދަތިކަމާއި އެކަނިވެރިކަމުގައި ހޭދަކުރާ ދުވަސްތަކަށް ހެދުމުގެ ބަދަލުގައި ހަޔާތުގެ މަގުސަދު ހާސިލު ކުރަން ލިބޭ ފުރުސަތަކަށް ހެދުން މާ ރަނގަޅުވާނެ އެވެ.

އެކަނި ދިރިއުޅުން އުނދަގޫ ވަނީ ގިނަފަހަރަށް ކުރާނެ ކަމެއް ނެތީމަ އެވެ. އެހެންކަމުން ލިބޭ ހުސް ވަގުތުތައް އާ ކަމެއް ދަސްކުރުމުގައި ހޭދަ ކުރާށެވެ. އާ ހުނަރެއް ނުވަތަ ބަހެއް ދަސްކުރުމަކީ ތިބާގެ ވަގުތު ރަނގަޅު ގޮތުގައި ހޭދަ ކުރެވުމުގެ އިތުރުން އެކަނިވެރިކަމުގެ އިހުސާސް ވެސް ފިލުވައިދޭނެ ކަމެކެވެ.

އުފާވެރި ދިރިއުޅުމަކަށް އެޅޭ އެންމެ ބޮޑު ހުރަހަކީ އެހެން މީހުންގެ ދިރިއުޅުމާ ތިމާގެ ދިރިއުޅުން އަޅާ ކިޔުމެވެ. ކޮންމެ މީހަކީ ވެސް ތަފާތު މީހެކެވެ. ދިރިއުޅުމުގައި ތަފާތު ކަންތައްކެއް ތަހައްމަލުކުރާ މީހުންނެވެ. އެހެން ކަމުން ތިބާގެ އުފާވެރިކަން އެހެން މީހުންގެ ދިރިއުޅުމުން މިނުން ހުއްޓާލާށެވެ.

ސޯޝަލް މީޑިއާ ދުރުވެލުމަކީ ވެސް ހުސްހަށިބަޔަށް ހުންނަ ދުވަސްވަރު ފައިދާކުރާނެ ކަމެކެވެ. އެހެނީ ސޯޝަލް މީޑިއާއަކީ އެންޒައިޓީ އާއި ސްޓްރެސްއަށް މަގުފަހިވާ އެއްޗެއްކަން ދިރާސާ ތަކުން ސާބިތުވެ އެވެ. އެހެން ކަމުން ސޯޝަލް މީޑިއާއާ ދުރުވެ، ރައްޓެހި ރަހުމަތްތެރިންނާ ބައްދަލުވެ އުޅުމަކީ އެކަނިވެރިކަން ފިލުވައިދޭނެ ކަމެކެވެ.

ހަމަ އެއާއެކު ރޫހާނީ ސިއްހަތު ރަނގަޅު ކުރަން މަސައްކަތް ކުރުމަކީ ވެސް އެފަދަ ދުވަސްވަރެއްގައި މުހިއްމު ކަމެކެވެ. އެގޮތުން އަޅުކަން ކުރުމާއި ފޮތްކިޔުން ފަދަ ކަންކަމުގައި ގިނައިން ވަގުތު ހޭދަ ކުރަން ވާނެ އެވެ.

އެކަނިވެރި ދިރިއުޅުމަކީ ހިތާމަވެރި ދިރިއުޅުމެއް ނޫނެވެ. ނަމަވެސް އެއީ އަމިއްލަ ނަފްސަށް ވަގުތު ދޭން ލިބޭ ރަނުގެ ފުރުސަތެކެވެ. އަމިއްލަ ނަފްސު ދެކެ ލޯބިވާން ދަސްކޮށްދޭ ކަމެކެވެ.