ކާބުލް (18 ޑިސެމްބަރު) - ތާލިބާނުންގެ ދަށުން ހިންގާ އަފްޣާނިސްތާނުގެ އާ ސަރުކާރު އދ.ގައި ތަމްސީލުކުރުމަށް އެދި ހުށައަޅައިފި އެވެ.

ތާލިބާނުން މި ހުށައެޅުން ހުށައަޅާފައިވަނީ އެމެރިކާއިން ވާގިވެރިވި އެ ގައުމުގެ ކުރީގެ ސަރުކާރުން އދ.އަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ޣުލާމް އިސަކްޒާއީ އިސްތިއުފާ ދެއްވުމުންނެވެ. އޭނާ ވަނީ ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އަތްގަދަކުރި ފަހުން ވެސް ދެ މަސް ދުވަހު އދ.ގައި އެ ގައުމު ތަމްސީލުކޮށްދީފަ އެވެ.

އދ.ގެ ތަރުޖަމާނު ފަރްހާން ހައްގު ވިދާޅުވީ އަފްޣާނިސްތާނުން އެ ޖަމިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިމަހު 15 ވަނަ ދުވަހު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

އިސަކްޒާއީގެ ބަދަލުގައި ތާލިބާނުން އދ.ގައި އެ ސަރުކާރު ތަމްސީލުކުރަން އަލުން ހުށަހަޅާފައިވަނީ ސުހައިލް ސަހީންގެ ނަމެވެ.

ސަހީން ވަނީ އދ. ގައި އަފްޣާނިސްތާނު ތަމްސީލުކުރުމުގެ ހައްގު އެގައުމުގެ އާ ސަރުކާރަށް އދ. ން ދޭން ޖެހޭ ކަމަށް ބުނެ ޓުވީޓެއް ކޮށްފަ އެވެ.

މިދިޔަ އޮގަސްޓް މަހު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އިސްވި ފަހުން އދ. ގެ އެއްވެސް މެމްބަރު ގައުމަކުން އެ ސަރުކާރު ބަލައިގަނެފައެއް ނުވެ އެވެ. އެހެން ކަމުން ތާލިބާނުންގެ ހުށައެޅުން ބަލައިގަތުމުގައި އުނދަގޫތަކެއް ހުންނާނެ ކަމަށް ބެލެވެ އެވެ. -- އަލް އަރަބިއްޔާ