މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު (33އ) ކަމަށެވެ.

މިދިޔަ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހުގެ 13:30 އިން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ހަމަ އެދުވަހުގެ ރޭ 22:45 ގައެވެ. ފުލުހުންނަށް މިކަން ރިޕޯޓްކުރުމާއި ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހާ ފެނިފައެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޝިރުމީނާ އަބޫބަކުރު އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ކަޅުކުލައިގެ ހެދުމަކާއި ކަޅުކުލައިގެ ޖިންސެއް ކަމަށެވެ.

ޝިރުމީނާ އަބޫބަކުރާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިފަ އެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމުގައިވެސް ފުލުހުން ވަނީ ބުނެފަ އެވެ.