ތ. ތިމަރަފުށީގައި ދީނަށް ފުރައްސާރަކުރާ ވީޑިއޯއިން ފެންނަ އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ، ކޯޓު އަމުރެއްގެ ދަށުން އެއަންހެން މީހާ ތިމަރަފުށިން ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

އުމުރުން 27 އަހަރުގެ އެ އަންހެންމީހާ ހައްޔަރުކޮށްފައިވާއިރު، އޭނާއަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

އެ އަންހެން މީހާ ހުތުރު ބަހުން މުހާތަބުކޮށް ދީނަށް ފުރައްސާރަކުރާ ބީދައިން ވާހަކަ ދައްކާ ވީޑިއޯ މީސްމީޑިއާގައިވެސް އާންމުވެފައިވެ އެވެ.

އެގޮތުން މާތްﷲ އަށް ބަދު ބަސްބުނެ ހުތުރު ބަހުން ވާހަކަ ދައްކަނިކޮށް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން، މީހަކު އޭނާ ހިފަހައްޓައިގެން ހުންނަ މަންޒަރު ވެސް ފެނެ އެވެ.

އާންމުވެފައިވާ ވީޑިއޯގައި ހަޑި ހުތުރުބަހުން މުއާމަލާތްކޮށް، އިސްލާމްދީނާއި ހިލާފު ވާހަކަ ދައްކާފައިވަނީ ތ. ތިމަރަފުށީ އަންހެނެކެވެ. އަދި އޭނާ އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށް ވެސް އެ ރަށު މީހުން ބުނެ އެވެ.

ފުލުހުން ވަނީ މި މައްސަލަ އިތުރަށް ތަހުގީގުކޮށް ބަލަމުންގެންދާ ކަމަށް ބުނެފަ އެވެ.