ހިމާލަޔަން ސަރައްދުން އަންނަ ހިރަފުހާއި ދުން ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެ ސަރަހައްދަށް އަންނާތީ ވައި ތަޣައްރުވާން ފަށައިފި އެވެ.

ވައި ނުސާފުވުމުގެ މައްސަލަ މި ދުވަސްވަރު ބޮޑަށް ކުރަނީ އިރުވައި މޫސުމުގެ އުތުރު ހަޅައިގެ ވަޔާ އެކުގަ އެވެ. އެ ދުމުގައި އެކުލެވިގެން ވަނީ ހިރަފުހާއި ކާރުހާނާތަކުން އަރާ ދުމެވެ. ދުން ގިނަވެ، ފުސްވުމުގެ ސަބަބުން ލޮލަށް ފެންނަ ދުރުމިން ދަށްވެ އެވެ. އަދި އޭގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ވެސް އުނދަގޫވެ އެވެ.

އެންވަޔަރުމަންޓް މިނިސްޓްރީން ބުނީ ހޭޒްގެ ސަބަބުން ހާއްސަކޮށް އުތުރާއި މެދުރާއްޖެ ތެރޭގެ ސަރަހައްދުތަކުގައި ވައި ނުސާފުވެ، ދުރު ފެންނަ މިންވަރު ދަށްވެފައިވާ ކަމަށެވެ. އަދި މިކަން ބޮޑަށް ފާހަގަކުރެވެނީ ޑިސެމްބަރު މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

"މި ހިރަފުހުގެ ސަބަބުން ހާއްސަކޮށް ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް އުނދަގޫވުން ގާތެވެ. އަދި މިދުވަސްވަރު ވާރޭ ފެން ރައްކާކުރުމާއި ބޭނުންކުރުމުގައި ސާފުތާހިރު ކަމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިންމު،" އެންވަޔަރުމަންޓް މިނިސްޓްރީން ބުންޏެވެ.

ހޭޒްގެ އަސަރުކުރަނީ ވައި ތަޣައްޔަރުވުމުގެ ސަބަބުން ކަމަށް ވިޔަސް، މެޓް އޮފީހުން މިވަގުތު ވައިގެ ނުސާފުކަން ޓެސްޓެއް ނުކުރެ އެވެ. އެ މަސައްކަތްކުރަނީ އީޕީއޭ އިންނެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން އީޕީއޭގެ ކޮމެންޓެއް ނުލިބެ އެވެ.