ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު މިއަދު ފެނުނު އަންހެން މީހާ ރަހީންކޮށް ބަޔަކު ފައިސާތަކެއް އަތުލި ކަމަށް އޭނާގެ އާއިލާ އިން މިއަދު ބުނެފި އެވެ.

"ހުރިހާ"އަށް ދިން އިންޓަވިއުއެއްގައި އޭނާގެ އާއިލާގެ މީހަކު ބުނީ ޝިރުމީނާ ރަހީނުކޮށްގެން ބަޔަކު ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހު މެންދުރެއްހާއިރު މޫކައި ހޮޓެލް ކައިރިން ކަމަށެވެ. އަދި އެ މީހުން ރަހީނުކޮށްގެން ގެންދިޔައީ ވަރަށް ބޮޑަށް ފާރަލައިގެން ކަމަށް ބެލެވޭ ކަމަށް ވެސް އެ މީހާ ބުންޏެވެ.

"ފެރީ ޓާމިނަލް ކައިރީގައި ހުންނަ ގޯޅިގަނޑެއްގައި ހުންނަ ފިހާރައެއް އޭނާ ހިންގާނެ. އެތަނަށް ބޭނުންވާ ދެ ކާޓަން ސިނގިރޭޓް އޯސީސީން ގަނެގެން ގޮސް ފިހާރައަށް ލާފައި ކޮއްކޮއަކަށް ގުޅާފައި ބުނި ފެންޓާ އޮރެންޖް ކޭހަކާއި ބޮޑީ ސްޕްރޭ ގަންނަން. އޭގެ ފަހުން ފޯނި އޮންނަނީ ނިވިފައި،" ޝިރުމީނާގެ އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.

ފެރީ ޓާމިނަލް ކުރިމަތީގައި އޮންނަ ގޯޅިތެރޭގައި ހިންގާ ފިހާރައަކީ ޝިރުމީނާގެ ކޮއްކޮއަކާއި ދެ މީހުން ވެގެން ހިންގާ ފިހާރައެކެވެ. އަދި އެ ފިހާރައިގެ ހުރިހާ ކަމެއް މިވަގުތު ބަލަހައްޓަނީ ޝިރުމީނާ އެވެ.

"ޝިރުމީނާ އަތުގައި އޮންނަ ދެ ފޯނަކީ ދުވަހަކު ވެސް ނިއްވާލައި އޮންނަ ދެ ފޯނެއް ނޫން. އެކަމަކު އެ ދުވަހު އެ ދެ ފޯނު ވެސް އޮންނަނީ ނިވިފައި. ދެން ޝައްކުވެގެން ފުލުހުންނަށް އެންގީ ހޯދަން،" އޭނާގެ އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.

އެ މީހާ ބުނީ ފުލުހުންނަށް ޝިރުމީނާ ގެއްލުނުކަން ރިޕޯޓުކުރި ފަހުން އިއްޔެ މެންދުރު 1:40ގައި އެއް ފޯނު އޮންކުރި ކަމަށެވެ. ނަމަވެސް އިރުކޮޅަކުން ނިއްވާލި ކަމަށް ވެސް އޭނާ ބުންޏެވެ.

"އިއްޔެ 3:30ހާއިރު އުރީދޫ ނަމްބަރު އޮންކޮށްފައި ބުނި މިއުޅެނީ ހުޅުމާލޭގައޭ. ހަވީރު ހައެއް ޖަހާކަންހާއިރު ދާނަމޭ ވެސް. އެކަމަކު އެ ވަގުތު ޖެހުނުއިރު ވެސް ހަބަރެއް ނުވި،" އެ މީހާ ބުންޏެވެ.

އޭނާ ބުނީ ފުލުހުން އޭނާ ހޯދަން ކުރި މަސައްކަތުން އެނގުނީ ޝިރުމީނާގެ ފޯނު އޮންކޮށްފައި ވަނީ ޗާންދަނީ މަގާއި ރަށްދެބައިމަގާ ދެމެދުން ކަމަށެވެ. ނަމަވެސް އެއީ ކޮން ލޮކޭޝަނެއް ކަމެއް ސީދާ ފުލުހުންނަށް ނުހޯދުނު ކަމަށް ވެސް އެ މީހާ ބުންޏެވެ.

"ދެން ރޭ 10:30 ހާއިރު ވީއިރު ވެސް ފުލުހުންނަށް އޭނާ ނުހޯދުމުން އެދުނީ އާއްމުންގެ ސަމާލުކަމަށް އެކަން ގެނެސްދިނުމަށް. ޝިރުމީނާ ގެންގުޅޭ ދިރާގު ފޯނު އަދިވެސް ވީ އެ މީހުން އަތުގައި. އެ ބަޔަކު އަދިވެސް ނުހޯދޭ،" އޭނާ ބުންޏެވެ.

އެ މީހާ ބުނީ ބެލެވޭ ގޮތުގައި އާއްމުންގެ ސަމާލުކަމަށް އެކަން ގެނައުމުން، ރަހީނުކުރި މީހުން ޝިރުމީނާ ގެނެސް ގެކައިރިއަށް ދޫކޮށްލާފައި ފިލީ ކަމަށެވެ. އަދި އޭނާ ފެނުނީ ހެނދުނު ކޮއްކޮއަކު އޮފީހަށް ދާން ބޭރަށް ނުކުތް ވަގުތު ކަމަށް ވެސް އޭނާ ބުންޏެވެ.

"އަދިވެސް ޝިރުމީނާއަށް ވާހަކައެއް ނުދެއްކޭ. އެކަމަކު ވަރަށް ބޮޑަށް އަނިޔާކޮށްފައި ހުރިކަން އެނގެން އެބަހުރި،" އެ މީހާ ބުންޏެވެ.

އޭނާ ބުނީ ޝިރުމީނާގެ މޫނުމަތީގައި ޖަހާފައި އެބަހުރި ކަމަށެވެ. އަދި އެ ނޫންވެސް އެކިއެކި ގެއްލުންދީ ހެދުމުން ނަފުސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ އަތުގައި ހުރި 20،000 އެއްހާ ރުފިޔާ ރަހީނުކުރި މީހުން ފޭރިގެންފައިވާ ކަމަށް ވެސް އެ މީހާ ބުންޏެވެ.

"އަޅުގަނޑުމެންނަށް ޔަގީންކަމާއެކު ބުނަން އެނގޭ ޝިރުމީނާ ރުހުމުގައި ދިޔައީ ނޫންކަން. އެހެން ނަމަ އެހާ ބޮޑެތި އަނިޔާތަކެއް ނުދޭނެކަން،" އޭނާ ބުންޏެވެ.

ޝިރުމީނާ އަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން އަންނަ އިރު، ބައެއް ޓެސްޓްތައް ހެދުމަށް ހަމަޖެހިފައިވާ ކަމަށްވެއެވެ. އަދި މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.