މުސާރަ ނުދިން މައްސަލައެއްގައި ކޯޓަށް ހާޒިރުކުރަން ހައްޔަރުކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ދޫކޮށްލައިފި އެވެ.

މިއަދުގެ ހެނދުނުގެ ވަގުތެއްގައި މެމްބަރު ޖާބިރު ހައްޔަރުކޮށްފައިވާއިރު، އޭނާ ހައްޔަރުކޮށްފައި ވަނީ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކޯޓު އަމުރުގެ ދަށުންނެވެ. އަދި ފުލުހުން އޭނާ ހައްޔަރުކުރީ ގދ. އަތޮޅު ރަށެއްގައި ހުންނަވަނިކޮށް ކަމަށްވެ އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ޖާބިރު ހައްޔަރުކުރީ އޭނާގެ ދަށުން މަސައްކަތް ކުރި މުވައްޒަފަކަށް މުސާރަ ނުދީގެން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެގޮތުން ޖާބިރުގެ ޔޮޓް ޓުއާސް ކުންފުނީގައި މަސައްކަތްކުރި މުވައްޒަފަކަށް މުސާރަ ނުދިން މައްސަލަ ފެންމަތިވެ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ހުކުމެއް ތަންފީޒުކުރަން ސިވިލް ކޯޓަށް ހުށަހަޅާފައިވެ އެވެ.

އެ ހުކުމް ތަންފީޒުކުރުމަށް މިދިޔަ އާދިއްތަ ދުވަހު ޖާބިރު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ވެސް އަމުރުކޮށްފައިވެ އެވެ.

މި މައްސަލައިގައި ޅ، ނައިފަރު، ފަތަނގުމާގެ، އަލީ މުހައްމަދަށް 700،000 އަށްވުރެ ގިނަ ރުފިޔާ ނުދީ އޮތްކަމުގެ ތުހުމަތު ޖާބިރަށް ކޮށްފައިވެ އެވެ.