އައިޖީއެމްއެޗާ ދިމާ ބޭރުން މޫދުގައި މަރުވައި އޮތްވާ ފެނުނު މީހާ، މަރާލާފައި ކަމަށް ތުހުމަތުކުރެވޭތީ ޕޯސްޓްމޯޓަމް ހަދަން ފުލުހުން އޭނާގެ ހަށިގަނޑު މިއަދު އިންޑިއާއަށް ގެންގޮސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު މަރުވެފައި އޮއްވާ ފެނުނު ގދ. ވާދޫ، ސިދުރަތުﷲ އަހުމަދު 31، ގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ގެންދިޔައީ އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ މެޑިކަލް ކޮލެޖް ހޮސްޕިޓަލުން ކަމަށެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ އެއީ ގުދުރަތީ މަރެއްކަން ކަށަވަރު ކުރެވިފައި ނުވާތީ ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ.

"އެގޮތުން މަރުގެ ސަބަބު ކަށަވަރުކުރެވިފައި ނުވާތީ ޕޯސްޓްމޯޓަމް ހެދުމަށް ކުރަންޖެހޭ ކަންކަންކުރުމަށްޓަކައި މިވަގުތު ހަށިގަނޑުވަނީ މޯޗަރީގައި،" ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ނުބުނެ އެވެ.