ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ މެރިޓައިމް ސަވައިވަލް ސެންޓަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
އެމްޓީސީސީ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، އެ ކުންފުނީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމް އެވެ. އަދި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފެވެ.
އެމްޓީސީސީން ބުނީ މި މަސައްކަތުގެ ދަށުން، ޝީޓް ޕައިލްކޮށްފައިވާ 1200 ކިޔުބިކް މީޓަރުގެ ލޭންޑް ފިލްކުރުމާއި، 35 މީޓަރުގެ އެއްގަމު ތޮށި ޝީޓް ޕައިލްކުރުމާއި، 27.25 މީޓަރުގެ އެއްގަމު ހުރަސް ތޮށީގައި ކޮންކްރިޓް ގައު ޖެއްސުމާއި، 4.2 މީޓަރު ދިގުމިނުގެ 6.4 މީޓަރު ފުޅާމިނުގެ ރޭންޕެއް ހެދުމުގެ މަސައްކަތާއި، ވައު އައްސާ މޫރިން ބޮލަޑް ހަރުކުރުމުގެ މަސައްކަތުގެ އިތުރުން އެންވައިރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ. 210 ދުވަހުގެ ތެރޭގައި މި މަޝްރޫއު ނިންމުމަށް ހަވާލުކޮށްފައިވާއިރު މިމަޝްރޫއުގެ އަގަކީ 4.59 މިލިއަން ރުފިޔާ އެވެ.
1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގަ އެވެ. އެކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.