ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހައްޔަރުކުރުމަށް ކޯޓު އަމުރު ނެރުނު ގާޒީގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.

އިއްޔެގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން މެމްބަރު ޖާބިރު ހައްޔަރުކޮށްފައިވާއިރު، އޭނާ ހައްޔަރުކޮށްފައި ވަނީ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކޯޓު އަމުރުގެ ދަށުންނެވެ.

ޖާބިރު ހައްޔަރުކުރީ އޭނާގެ ދަށުން މަސައްކަތް ކުރި މުވައްޒަފަކަށް މުސާރަ ނުދީގެން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އެގޮތުން ޖާބިރުގެ ޔޮޓް ޓުއާސް ކުންފުނީގައި މަސައްކަތްކުރި ޅ، ނައިފަރު، ފަތަނގުމާގެ، އަލީ މުހައްމަދަށް 700،000 އަށްވުރެ ގިނަ ރުފިޔާ ނުދީ އޮތްކަމުގެ ތުހުމަތު ޖާބިރަށް ކޮށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ހުކުމެއް ތަންފީޒުކުރަން ސިވިލް ކޯޓަށް ހުށަހަޅާފައިވެ އެވެ.

މި މައްސަލައިގައި ޖާބިރު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް އަމުރު ނެރުނީ ސިވިލް ކޯޓުގެ ގާޒީ މަރިޔަމް އަހުމަދެވެ.

ނަމަވެސް އަމުރު ނެރުނީ ގާޒީ މަރިޔަމްގެ ޒާތީ ކަމެއްގައި ކަމަށް މެމްބަރު ޖާބިރު ވަނީ ވިދާޅުވެފަ އެވެ. އަދި މިފަދަ މައްސަލަތަކުގައި، ކުންފުނީގެ މެނޭޖިން ޑިރެކްޓަރެއް ހުންނާނެ ކަމަށާއި، އެ މަގާމުގައި މީހަކު ހުންނައިރު ޗެއާމަން ހައްޔަރުކޮށްގެން ނުވާނެ ކަމަށް ޖާބިރު ވަނީ ވިދާޅުވެފަ އެވެ.