ޒަމާނަށް އައި ބަދަލުތަކާއެކު އަހަރެމެންގެ ތެރޭގައި އޮތް އަތްތެރި މަސައްކަތްތަކުގެ ހުނަރު ދަނީ ފަނޑުވަމުންނެވެ. އަތްތެރިކަމުގެ މައްޗަށް މެޝިންތަކާއި ކޮމްޕިއުޓަރުތައް އަތްގަދަކޮށްފި އެވެ. އެކަމަކު މިއަދުވެސް އަހަރުމެންގެ ތެރޭގައި އަތްތެރި މަސައްކަތްތަކުގެ ހުނަރު ލިބިފައިވާ ފަރާތްތައް، ހާއްސަކޮށް ޒުވާނުން ތިބުމަކީ ދިވެހިންގެ އަތްތެރި ހުނަރުތައް މުޅިން ނެތިގެން ނުދާނެކަން ޔަގީން ކޮށްދޭ ކަމެކެވެ.

ގދ. ގައްދޫއަށް އުފަން އިސްމާއިލް ޖައިޝް ޖަލާލް 20އަކީ ވެސް މިފަދަ ޒުވާނެކެވެ. ޖައިޝް އާޓްސްގެ ނަމުގައި އިންސްޓަގްރާމްގައި ހިންގާ ޕޭޖުގައި ފެންނަ އަރަބި އަކުރުގެ ކެލިގްރަފީ މަސައްކަތްތަކަކީ ވަރަށް ވެސް ފުރިހަމަ ބަލާލަން ރީތި މަސައްކަތްތަކެކެވެ. އެއީ ޖައިޝްގެ އެތައް ދުވަހެއްގެ ހިތްވަރުގެ ނަތީޖާ އެވެ.

އިސްމާއިލް ޖައިޝް ޖަލާލް

އިސްމާއިލް ޖައިޝް ޖަލާލްކެލިގްރަފީ ނުވަތަ އަކުރު އެޅުމަކީ ގައިމު ވެސް ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެއީ ކެތްތެރިކަމާއި ސަމާލުކަން ބޭނުންވާނެ ކަވި މަސައްކަތެކެވެ. ބަލާލަން ކިތަންމެ ރީތި ވިޔަސް އެ މަސައްކަތުގެ ފަހަތުގައި ކިހާ ބުރައެއް ވާނެކަން ޖައިޝްގެ މަސައްކަތްތަކުން ދައްކުވައިދެ އެވެ.

މަދަރްސަތުލް އަރަބިއްޔާގައި ތައުލީމް ހާސިލްކުރި ޖައިޝްއަކީ އެންމެ ކުޑައިރުވެސް ކުރެހުމަށް ޝައުގުވެރިކަން ހުރި ކުއްޖެކެވެ. ސްކޫލުގައި ވެސް އޭނާގެ އަތުލިޔުމަކީ މުދައްރިސުން ފާހަގަ ކުރާ ފަދަ ރީތި އަތުލިޔުމެކެވެ. އަކުރު އެޅުން ނުވަތަ ކެލިގްރަފީގެ ތެރެއަށް ވަދެވުނީ އެގޮތުގެ މަތިން ކަމަށް ޖައިޝް ބުންޏެވެ.

"އެންމެ ފުރަތަމަ ފެށީ އިނގިރޭސި އަކުރުތަކުގެ ލެޓަރިން. ދެން އަރަބިއްޔާގަ އުޅުނީމަ އަރަބި ކެލިގްރަފީ ފަށައިގަންނަން ފަސޭހަވީ،" ޖައިޝް ބުންޏެވެ.

https://www.instagram.com/p/CXHLPNRLSkP/?utm_medium=share_sheet

ކެލިގްރަފީގެ މަސައްކަތްތަކުގައި ޔޫޓިއުބް ވީޑިއޯތަކާއި އެހެނިހެން ކެލިގްރާފަރުންގެ މަސައްކަތްތަކަކީ ޖައިޝްގެ އެދުރުންނެވެ. ވަކި ހާއްސަ ތަމްރީނެއް މިކަމުގައި ލިބިފައި ނެތަސް ޖައިޝްގެ މަސައްކަތްތަކުން އެކަން ކުޑަކޮށް ވެސް ފާހަގަ ނުވާކަން އެ މަސައްކަތްތައް ފެނުނު މީހަކު ނަމަ ގަބޫލު ކުރާނެ އެވެ.

"އެހެން ކެލިގްރާފަރުންގެ ފަރާތުން ވެސް ވަރަަށް ބޮޑު އެހީތެރިކަމެއް ލިބޭ. ހުނަރު އިތުރަށް ރަނގަޅު ކުރަން އަދިވެސް މަސައްކަތް ކުރަން،" ޖައިޝް ބުންޏެވެ.

މިއަހަރުގެ އަންވެއިލިންގް ވިޝަން އާޓް އެގްޒިބިޝަންގައި އަލަށް ބައިވެރިވި ޖައިޝް ބުނި ގޮތުގައި އޭނާގެ މަސައްކަތްތަކަށް އާއްމުންގެ ފަރާތުން ވަަރަށް ރަނގަޅު ކޮމެންޓްތައް ލިބެ އެވެ. އާމްދަނީއެއް ނުލިބުނަސް ލިބޭ ހުސްވަގުތު ތަކުގައި ވެސް ކެލިގްރަފީ ކުރަން އޭނާއަށް ހިތްވަރު ލިބެނީ މިފަދަ ކޮމެންޓްތަކުންނެވެ.

https://www.instagram.com/p/CGmO6bdJakG/?utm_medium=share_sheet

މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީގައި މައިކްރޮބައޮލޮޖީގެ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރަމުން އަންނަ ޖައިޝް ބުނިގޮތުގައި އޭނާގެ ކޮންމެ ކުރެހުމަކީ ވެސް ފުރިހަމަ ކުރެހުމަކަށް ހެދުމަށް މަސައްކަތް ކުރެ އެވެ. އޭގެ ތެރެއިން ވެސް އޯޑަރަކަށް ހެދި އާޔަތުލް ކުރްސީގެ ލިޔުމަކީ މިހާތަނަށް އޭނާ ކުރި މަސައްކަތްތަކުގެ ތެރެއިން ވެސް އޭނާ އެންމެ ހިތްހަމަޖެހޭ މަސައްކަތް ކަމަށް ޖައިޝް ބުންޏެވެ.

"އާމްދަނީއަކަށް ނޫން މިކަން ކުރަނީ. ލިބޭ ހުސްވަގުތު ތަކުގައި އޯޑަރުތަކަށް ހަދައިދެން. އެކަމަކު މިވަގުތު ރާއްޖެއިން ބޭރުގައި ހުރުމާއެކު އޯޑަރުތައް ނެގުން ވަނީ މެދުކަނޑާލާފައި،" ޖައިޝް ބުންޏެވެ.

ކެލިގްރަފީއަށް ބޭނުންވާ ބައެއް ސާމާނު މާލެއިން ފަސޭހައިން ނުލިބުން ފިޔަވައި އޭނާގެ މަސައްކަތަށް މާ ބޮޑު ގޮންޖެހުމެއް ކުރިމަތި ނުވާ ކަމަށް ޖައިޝް ބުންޏެވެ. އެހެން ނަމަވެސް ކިޔަވަމުން ބޭނުންވާ ވަރަށް މަސައްކަތަށް ވަގުތު ނުދެވޭކަން ވެސް އޭނާ ފާހަގަ ކުރި އެވެ.

https://www.instagram.com/p/CE6nk3WpMgF/?utm_medium=share_sheet

ކެލިގްރަފީއިން ކުރިއަށް ދިއުމުގައި އޭނާގެ އާއިލާއާއި އެކުވެރިންގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެހީތެރިކަން ޖައިޝް ފާހަގަ ކުރީ ޝުކުރުވެރިކަމާ އެކުގަ އެވެ. އެއީ އެ މަސައްކަތުގައި ކުރިއަށް ދިއުމަށް އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްވަރެވެ.

"އެންމެ ބޮޑަށް ޝުކުރު އަދާކުރަން ބޭނުންވަނީ މަންމައާއި ބައްޕަައަށް. ދެން އެކުވެރިންގެ ފަރާތުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ،" ޖައިޝް ބުންޏެވެ.

ޖައިޝް ބުނިގޮތުގައި ކެލިގްރަފީއަކީ ކުރިއަށް ދާން ރަނގަޅު ދާއިރާ އެކެވެ. މި ރޮނގުން ކުރިއަރަން ބޭނުންވާ ކުދިންނަށް އޭނާ ދޭން އޮތް މެސެޖަކީ ގިނަ ދުވަހުގެ މަސައްކަތުން ވިޔަސް ހިތްވަރާއެކު ކުރިއަށް ގޮސްފިނަމަ ކާމިޔާބު ވާނެ ކަމެވެ.

https://www.instagram.com/p/CFZU3fsJJ1r/?utm_medium=copy_link

މިހާ ހަގު އުމުރެއްގައި ވެސް ޖައިޝް ދައްކަމުން އަންނަ ކުޅަދާނަ ހުނަރުތަކަކީ ސާބަސް ދޭން ޖެހޭ ފަދަ ހުނަރުތަކެކެވެ. އޭނާގެ މަސައްކަތްތަކަކީ ނެތެމުން އަންނަ ދިވެހިންގެ އަތުލިޔުން ކުރިއެރުވުމަށް ކުރެވޭ މުހިއްމު މަސައްކަތްތަކެކެވެ.