"އިންޑިގޯ"ގެ މަތިންދާބޯޓެއްގައި ދިވެއްސަކު މިއަދު އޭގެ އިމަޖަންސީ ދޮރު ހުޅުވަން މަސައްކަތްކޮށްފި އެވެ.

އިންޑިއާ އިން ރާއްޖެ އަށް ދަތުރުކުރި އިންޑިގޯ ފްލައިޓް 6E1795 ވައިގެ ތެރޭގައި އޮއްވައި ދިވެހި ފިރިހެނަކު އެ ބޯޓުގެ އިމަޖަންސީ ދޮރާ ކުޅެން ފެށުމުން ބޯޓުގެ އިމަޖެންސީ އެލާމް ވެސް އެޅި އެވެ.

އެ ބޯޓުން ދަތުރުކުރި ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ދިވެއްސަކު ވަނީ އެ ދޮރު ހުޅުވަން އުޅުމުން ބޯޓު ތެޅެން ފެށި ކަމަށާއި އެލާމް އެޅުމާ އެކު ދޮރު ރަނގަޅަށް ލެއްޕީ ކެބިން ކްރޫންތަކެއް ގޮސްގެން ކަމަށެވެ. އަދި އޭނާ ޕޯސްޓްކުރި ވީޑިއޯއެއްގައި އިމަޖެންސީ ދޮރު ހުޅުވަން އުޅުމަކީ ވަރަށް ނުރައްކާ ކަމެއް ކަމަށާއި އެއީ އަދަބު ލިބޭ ފަދަ ކުށެއް ކަމަށް ވެސް ހަނދާންކޮށްދީ، ބޯޓުގެ ކެޕްޓަން އެނައުންސްމަންޓެއް އިއްވައި އިންޒާރު ދޭ އަޑުއިވެ އެވެ.

https://www.facebook.com/545091608/videos/pcb.10159470553616609/339969777967864

މިކަމާ ބެހޭ ގޮތުން ފުލުހުން ވަކި އެޗެއް ނުބުނެ އެވެ. މި ހާދިސާއާ ގުޅިގެން އޭނާއާ މެދު ފިޔަވަޅު އަޅަން އެތައް ބަޔަކު ދަނީ ގޮވާލަމުންނެވެ.

ދިވެއްސަކު އިމަޖެންސީ ދޮރު ހުޅުވަން އުޅުނު އިންޑިގޯ ބޯޓު ދަތުރުކުރަނީ.