ޑާކާ (27 ޑިސެމްބަރު) - މިދިޔަ ހަފްތީ ތެރޭގައި ބަންގްލަދޭޝްގެ ފެރީއެއްގައި ރޯވެ ގިނަ ބަޔަކު މަރުވި ހާދިސާއާ ގުޅިގެން ކަމާ ބެހޭ ފަރާތްތަކުން އެ ފެރީގެ ވެރިޔާ ހައްޔަރު ކޮށްފި އެވެ.

ފުލުހުން އޭނާ ހައްޔަރު ކޮށްފައިވަނީ އެ ހާދިސާ މެދުވެރިވީ ފެރީގައި އެކަށީގެންވާ ވަަރަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅާފައި ނުވުމުގެ ސަބަބުން ކަން ތަހުގީގު ޓީމަށް ފާހަގަ ވުމުންނެވެ.

އެގޮތުން ހުއްދަ ދީފައިވާ ވަރަށްވުރެ ގިނައިން އެ ފެރީގައި ފަސިންޖަރުން އުފުލާފައިވާއިރު ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެކަށީގެންވާ ވަސީލަތްތައް ފެރީގައި ނެތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ބަންގްލަދޭޝްގެ ދެކުނު އަވަށެއް ކަމަށްވާ ބަރްގުނާ ކައިރިން ދަތުރު ކުރަމުން ދަނިކޮށް އެ ފެރީގައި ރޯވެފައި ވަނީ ހުކުރު ދުވަހުގެ ރޭ ގިނަ ފަސިންޖަރުން ނިދާފައި ވަނިކޮށެވެ.

ފެރީގައި 700 އަށްވުރެ ގިނަ ފަސިންޖަރުން ތިބިއިރު މި ހާދިސާގައި 39 މީހަކު މަރުވެ ގިނަ ބަޔަކު ވަނީ ޒަހަމްވެފަ އެވެ. މަރުވި މީހުންގެ ތެރެއިން ގިނަ ބަޔަކު މަރުވީ ފިހިގެން ނަމަވެސް އަނެއް ބަޔަކު މަރުވެފައިވަނީ އަލިފާން ގަނޑުން ސަލާމަތް ވުމަށްޓަކައި ދަތުރު ކުރަމުން ދިޔަ ސުގަންދާ ކޯރުގެ ފިނި ފެންގަނޑަށް ފުންމާލުމުން އެ ފެންގަނޑުގައި ގެނބިގެންނެވެ.

ފެރީގެ ވެރިޔާ ހަމް ޖަލާލް ޝައިޚްގެ އިތުރުން ބޯޓުގެ ކެޕްޓަން ހިމެނޭ ގޮތަށް އޮބިޖާން-10 ފެރީއާ ގުޅޭ 8 ފަރާތެއް ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ.

މެރިން ޕޮލިސް އޮފިސަރު މަހްބޫބުއް ރަހްމާން ވިދާޅުވީ އަލިފާން ރޯވި އިރު ފެރީގައި އެކަށީގެންވާ ވަރަށް އަލިފާން ނިވި ފުޅިތައް ނެތް ކަމަށެވެ. އަދި އަލިފާން ރޯވުމާއެކު ވަގުތުން ފެރީ ހުއްޓާލައި ބަނދަރު ކުރިނަމަ އެހާ ގިނަ ބައެއްގެ ފުރާނަ ގެއްލެން މެދުވެރި ނުވީސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިފަދަ ހިތާމަވެރި ހާދިސާތަކުގެ ފަހަތުގައި ވަނީ އެކަށީގެންވާ ގަވާއިދުތައް ނެތުމާއި ފެރީތަކުގެ ފެންވަރު ދަށްވުން ކަމަށް މާހިރުން ބުނެ އެވެ. -- އަލް އަރަބިއްޔާ