ކާބުލް (28 ޑިސެމްބަރު) - މީގެ ކުރިން ވެސް އަފްޣާނިސްތާނަކީ ދެކުނު އޭޝިއާ ސަރަހައްދުގައި އޮތް އެންމެ ފަގީރު އެއް ގައުމެކެވެ. އެމެރިކާއިން ވާގިވެރިވެގެން ހިންގި ކުރީގެ ސަރުކާރުގައި ވެސް އެގައުމުގެ އިޖުތިމާއީ އަދި އިންސާނީ ގިނަ މައްސަލަތަކަކަށް ހައްލު ހޯދިފައެއް ނުވެ އެވެ.

މިދިޔަ އޮގަސްޓް މަހު އަފްޣާނިސްތާނުން އެމެރިކާ ސިފައިން ފޭބުމާއެކު އޭރު އޮތް ސަރުކާރު ވައްޓާލައި ވެރިކަމަށް އިސްވި ތާލިބާނުން ވެރިކަމަށް އަތްގަދަ ކުރީ އަފްޣާނިސްތާނުގެ ރައްޔިތުންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދޭނެ ކަމަށް ވައުދު ވެފަ އެވެ. އެ ގައުމުގެ އިންސާނީ އަދި ދިރިއުޅުމުގެ ހާލަތު މިހާރަށް ވުގެ ރަނގަޅު ކޮށްދޭނެ ކަމަށް ބުނަމުންނެވެ.

ވެރިކަން ބަދަލުވުމަށްފަހު ހަތަރު މަސް ފާއިތުވެގެން ދިޔައިރު އަފްޣާނިސްތާނުގެ ހާލަތު މިއަދު އިހުނަށް ވުރެ ގޯސްވެފަ އެވެ. ފިނި މޫސުން އައިސް ލައިގަތްއިރު ގިނަ އާއިލާތަކަށް ފިނިން ރައްކާތެރިވާނެހާ މިންވަރު ވެސް ލިބިފައެއް ނުވެ އެވެ. ގިނަ ގޭބިސީތަކުގައި ކާޑުގެ ގޮތުގައި ބޭނުން ކުރެވެނީ ފަތިހު އަންހެނުންނާއި ކުޑަކުދިން ކިއުގައި ޖެހިގެން ހޯދާ ޕާން އެކަންޏެވެ.

ހާލަތު މިހާ ހިސާބަށް ގޮސްފައިވާއިރު އެގައުމުގެ އާއްމު ސިއްހީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. އެކަށީގެންވާ ކާބޯތަކެތި ނުލިބުމުގެ ސަބަބުން އެގައުމުގެ ގިނަ ކުދިންތަކެއްގެ ސިއްހީ ހާލަތު ގޯސްވެ ހޮސްޕިޓަލުތަކުގައި ފަރުވާ ހޯދަން ވަނީ ޖެހިފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާކުރާ ގޮތުގައި ކަންތައް މިހެން ކުރިއަށް ދާނަމަ މާ ލަހެއްނުވެ އަފްޣާނިސްތާނުގެ 97 ޕަސެންޓް މީހުން ދިރިއުޅޭނީ ފަގީރު ކަމަށް ބަލާ މިންގަނޑަށްވުރެ ދަށުގަ އެވެ. އެގޮތުން އާބާދީގެ ބޮޑު ބައެއް ބަނޑުހައި ހޫނުކަމުގައި އުޅެން ޖެހިދާނެ ކަމުގެ އިންޒާރު އދ. ން ވަނީ ދީފަ އެވެ.

ތާލިބާނުންގެ ދައުލަތް މިހާތަނަށް އެއްވެސް ގައުމަކުން ބަލައިގަނެފައި ނުވާއިރު އެގައުމާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. ވޯލްޑް ބޭންކުންނާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ އެހީ އެގައުމަށް ނުދޭއިރު އދ. އިންނާއި އެހެނިހެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވެސް އަފްޣާނިސްތާނަށް އެހީ ފޯރުކޮށްދިނުމުގައި ގިނަ ގޮންޖެހުންތަކެއް ދަނީ ކުރިމަތި ވަމުންނެވެ.

އެހީއަށް އެދި ސަރުކާރު އޮފީސްތަކުގެ ބޭރުގައި ކިއު ދިގުވަމުންދާއިރު ތާލިބާނުން މިކަމަށް ދެނީ ބީރު ކަންފަތެކެވެ. ރެފިއުޖީ ކޭމްޕުތަކުގައި ދިރިއުޅޭ އާއިލާތަކުގެ ހާލަތު ވަކިން ގޯސް ކަމަށް މީޑިއާ ރިޕޯޓުތައް ބުނާއިރު އެފަދަ ފަރާތްތަކުގެ އެންމެ އަސާސީ ބޭނުންތައް ވެސް ނުފުދޭކަން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ފާހަގަ ކުރެ އެވެ.

އެއާއެކު ދެން އޮތީ ކުޑަކުދިންގެ ތައުލީމެވެ. އަންހެން ކުދިންގެ ތައުލީމު މުޅިންހެން ހުއްޓުމަކަށް އައިސްފައިވާއިރު ގިނަ ސަރަހައްދުތަކުގައި ގްރޭޑް ހައަކަށްފަހު ކިޔެވުން ހުއްޓާލަން ޖެހެ އެވެ. އަންހެނުންގެ ހައްގުތައް މީގެ އެތައް އަހަރެއް ފަހަތަށް ޖެހިފައިވާއިރު އަންހެނުންގެ މިނިވަންކަމާއި އެންމެ އަސާސީ ހައްގުތައް ވެސް ވަނީ ވަރަށް ބޮޑަށް ހިފެހެއްޓިފަ އެވެ.

ކަން މިހެން އޮތްއިރު ތާލިބާނުންގެ ވެރިކަމުގައި އަފްޣާނިސްތާނުގެ ހާލަތު ދަށްވި ކަމަށް ބުނުމަކުން އެއީ ދޮގަކަށް ނުވާނެ އެވެ. އެ ޖަމާއަތުގެ އެޖެންޑާތަކާއި ޕްލޭންތައް ރަނގަޅު ނޫންކަން މިއަދު އަފްޣާނިސްތާނުގެ އިޖުތިމާއީ ހާލަތަށް ބަލާލުމުން އެނގިގެން ދާނެ އެވެ. -- އަލް އަރަބިއްޔާ