ފުލުހުންނާއި ސިފައިންގެ ޕޮލްކޯ ފްލެޓްތަކުގެ ނުނިމި ހުރި މަސައްކަތްތައް 8 މަސްދުވަސް ތެރޭގައި ނިންމުމަށް ހަވާލުކޮށްފި އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން މިއަދު އާންމުކުރި ބަޔާނުގައި ބުނީ، މޯލްޑިވްސް ޕޮލިސް ސާވިސްގެ މުއައްޒަފުންނަށް އަމާޒުކޮށްގެން ހުޅުމާލެ ފޭސް އެކެއްގައި އިމާރާތްކުރަން ފަށާފައިވާ މި ފްލެޓްތަކުގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ހިންގާ މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކަކީ ފިނިޝިންގެ މަސައްކަތްތައް ކަމަށެވެ.

އެގޮތުން ޖުމްލަ 361 ޔުނިޓްގެ ތިން ޓަވަރުގައި ހިމެނޭ ޔުނިޓެއްގެ ބޮޑުމިނަކީ އެވްރެޖްގޮތެއްގައި 1100 އަކަ ފޫޓުކަމަށް އެމިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި މި ޓަވަރުތަކުގައި ހިމެނޭ ވަސީލަތްތަކުގެ ތެރޭގައި އެޕާޓްމަންޓްތަކުގެ އިތުރުން ޕާކިން އޭރިޔާ، ކޮމާޝަލް އޭރިޔާ، އަދި މަލްޓިޕާޕަސް ހޯލް ހިމެނޭކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ހުޅުމާލޭގައި ހުންނަ ސިފައިންގެ ފްލެޓް -- ފޮޓޯ: އަހުމަދު އިޝާން | ހުރިހާ

މިނިސްޓްރީން ބުނީ މި މަޝްރޫއު ވިލަރެސްކޮށް ހިންގުމަށް ހަމަޖެހިފައި ވަނީ އެ މިނިސްޓްރީ އާއި، ފުލުހުންނާ ގުޅިގެން ކަމަށެވެ.

މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވާ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު މުހައްމަދު އިރުފާނެވެ.

ފުލުހުންނާއި ސިފައިންގެ ފްލެޓްތައް އަށް މަސްތެރޭގައި ނިންމަން އަމިން ކޮންސްޓްރަކްޝަނާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރުމަށްފަހު ދައްކާލަނީ. ފޮޓޯ: ޕްލާނިން މިނިސްޓްރީ