ކޭޕްޓައުން (03 ޖެނުއަރީ) - ދެކުނު އެފްރިކާގެ ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ރޯވި އަލިފާން ގަނޑުގެ ސަބަބުން އެ އިމާރާތުގެ ބޮޑު ބައެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެފި އެވެ.
އެ އިމާރާތް ތިން ބަޔަކަށް ބެހިފައިވާއިރު އަލިފާން ގަނޑު އެންމެ ފުރަތަމަ ރޯވީ 1884 ވަނަ އަހަރު އިމާރާތް ކުރެވުނު އެންމެ ދުވަސްވީ އިމާރާތުގައި ކަމަށް ސަލާމަތީ ބާރުތަކުން ބުނެ އެވެ. އެއަށްފަހު މުޅި އިމާރާތުގެ ހުރިހާ ބަޔަކަށް ހުޅުގަނޑު ފެތުރުނީކަމުގައި ރިޕޯޓުތައް ބުނެ އެވެ.
"މަޖިލީހުގެ މެމްބަރުން ތިއްބަވާ ޗެމްބަރު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި އަޅިއަށް ވެފައި،" މަޖިލީހުގެ އިދާރާގެ ތަރުޖަމާނަކު ވިދާޅުވި އެވެ.
އިއްޔެ ހެނދުނުގެ ވަގުތެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.
އަލިފާންގަނޑު ރޯވާން މެދުވެރިވީ ކޮން ސަބަބަކާ ހެދި ކަމެއް އަދި ހޯދިފައި ނުވި ނަމަވެސް މި މައްސަލައާ ގުޅިގެން އެކަކު ހައްޔަރު ކުރެވިފައިވާ ކަަމަށް އިދާރާތަކުން ހާމަ ކުރެ އެވެ.