އަލްމަޓީ (07 ޖެނުއަރީ) - ކަޒަކަސްތާނުގެ އެންމެ ބޮޑު އެއް އަވަށް ކަމުގައިވާ އަލްމަޓީގައި ހަމަނުޖެހުންތައް އިތުރުވެ ހާލަތު ގޯސްވުމާއެކު ރަޝިއާ އިސްވެ ބައިނަލްއަގްވާމީ އަސްކަރީ ޓީމެއް އެ ގައުމަށް ގޮސްފި އެވެ.

ކަލެކްޓިވް ސެކިއުރިޓީ ޓްރީޓީ އޯގަނައިޒޭޝަން (ސީއެސްޓީއޯ)ގެ ހާއްސަ ޓީމެއް ކަޒަކަސްތާނަށް ފޮނުވާފައި މިވަނީ އެގައުމުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް އެގައުމުގެ ސަރުކާރުން އެހީއަށް އެދުމުންނެވެ.

ސީއެސްޓީއޯގެ ފަރާތުން ރަޝިއާގެ ފޮރިން މިނިސްޓަރު މާރިއާ ޒަކަރޯވާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކަޒަކަސްތާނަށް ފޮނުވުނު ޓީމަކީ އެގައުމުގެ މަޝްރަހު ހަމައަކަށް އެޅުވުމަށް ވަގުތީގޮތުން ހަރަކާތްތެރިވާނެ ޓީމެއް ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ޓީމުގައި ރަޝިއާ، ބެލަރުސް، އަރުމޭނިއާ، ތަޖިކިސްތާން، ކިރިގިސްތާންގެ އިތުރުން ސީއެސްޓީއޯގެ އިތުރު ފަސް މެމްބަރު ގައުމަކުން އަސްކަރީ ސިފައިން ހިމެނެ އެވެ.

ރަޝިއާ ފޮރިން މިނސްޓްރީގެ ބަޔާނުގައި އެ ޓީމުގައި ހިމެނެނީ ކިހާ ސިފައިންނެއް ކަމެއް ބުނެފައި ނުވިޔަސް ރަޝިއާގެ އެއާބޯން ފޯސަސްގެ ސިފައިން ވެސް ހިމެނޭނެ ކަމަށް ބުނެފައިވެ އެވެ.

"މި ޓީމުގެ މައިގަނޑު މަގްސަދަކަށް ވާނީ ކަޒަކަސްތާނުގެ ހާލަތު ކޮންޓްރޯލް ކޮށް އެގައުމުގެ ސިޔާދަތު އަލުން އަނބުރާ ގެނައުން" ބަޔާނުގައި ބުނެފައިވެ އެވެ.

މި ޓީމު މިހާރު ކަޒަކަސްތާނުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި ވަރަށް އަވަހަށް އޭގެ ނަތީޖާ ފެންނާނެ ކަމަށް އުއްމީދު ކުރާ ކަމަށްވަސް މާރިއާ ވިދާޅުވި އެވެ. -- އަލް އަރަބިއްޔާ