ބެއިރޫތު (09 ޖެނުއަރީ) - ލުބްނާނުގެ ބޮޑު ސަރަހައްދަކުން ރޭގެ ވަގުތެއްގައި ކަރަންޓު ކެނޑުނީ އެގައުމުގައި މިހާރު ކުރިއަށްދާ މުޒާހަރާ ތަކުގެ ބައިވެރިން އެގައުމުގެ މައި އިންޖީނުގެއަށް ވަދެގަނެ ބައެއް ކަރަންޓު ސާމާނުތަކަށް ގެއްލުން ދިނުމުގެ ސަބަބުން ކަމަށް ސަރުކާރުގެ ކަރަންޓު ކުންފުނިން ބުނެފި އެވެ.

އިގްތިސާދު ހީނަރުވެ ތެލުގެ އިމްޕޯޓު ދަށްވުމުގެ ސަބަބުން މިހާރުވެސް ލުބްނާނުގެ އެކި ސަރަހައްދުތަކުން އެކި ގަޑިތަކުގައި ކަރަންޓު ކެނޑެމުން ދާއިރު ބައެއް ގަޑިތަކުގައި ކަަރަންޓާ ނުލައި 20 ގަޑިއިރު ވެސް ހޭދަވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ލުބްނާނުގެ ސަރުކާރު ކަރަންޓު ކުންފުނި އީޑީއެލްއިން ބުނީ ކަަރަންޓުގެ މައްސަލާގައި ނުރުހުން ފާޅުކުރި ގިނަ އަދަދެއްގެ އާއްމުން ބެއިރޫތުގައި ހުންނަ އެކުންފުނީގެ މައި އިންޖީނުގެއަށް ރޭގެ ވަގުތެއްގައި ވަދެގަނެފައިވާ ކަަމަށެވެ.

"މުޒާހަރާގެ ބައިވެރިން ވަނީ 150-220 ކިލޯވޯޓުގެ ޖަނަރޭޓަރެއްގެ ކަރަންޓު ކަނޑާލައި ޖަނަރޭޓަރުތަކާއި އިންޖީނުގެއާ ގުޅުވައިދޭ ކަރަންޓު ސާކިޓްތަކަށް ގެއްލުން ދީފައި،" އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ލުބްނާނުގައި ކަރަންޓު ކެނޑެމުން ދިއުމާއެކު އެގައުމުގައި ހިންގާ ޕްރައިވެޓް ޖެނެރޭޓަރުތަކަށް ޑިމާންޑް ބޮޑުވެ އެފަދަ ޖެނެރޭޓަރުތަކުން ފޯރުވައިދޭ ކަރަންޓުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.

ލުބްނާނުގެ ދާޚިލީ މަޝްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި ކަރަންޓުގެ މައްސަލައަކީ އެގައުމުގެ ސަރުކާރަށް ކުރިމަތިވެފައިވާ ހައްލު ކުރަން ދަތި ގޮންޖެހުމެކެވެ. -- އަލް އަރަބިއްޔާ