ދެރަށެއްގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީއާ ހަވާލުކުރީ ރ. އުނގޫފާރާއި އެ އަތޮޅު މާކުރަތުގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތެވެ.

މިގޮތުން މިމަސައްކަތް އެކުންފުންޏާއި ހަވާލުކުރުމަށް އެކުލަވާލި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

އުނގޫފާރު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން، 41،980 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރާއި ނެރު ފުންކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި 162 މީޓަރު ސަރަހައްދެއްގައި ބޭރުތޮށި ޖަހައި، ދެ ނެރު ބައްތި ހަރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. 18,588,276.60 ރުފިޔާގެ މި މަސައްކަތަކީ 210 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.

އޭގެ އިތުރުން އެއަތޮޅު މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަސައްކަތުގެ ދަށުން 45،023.84 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 140 މީޓަރު ބޭރުތޮށި ޖަހައި، 85 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ އިތުުރުން 129 މީޓަރުގައި އެއްގަމުތޮށި ޖެހުމުގެ މަސައްކަތްވެސް ހިމެނެ އެވެ.

މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަސައްކަތަކީ 18,588,276.60 ރުފިޔާގެ މަޝްރޫއެކެވެ. އަދި އެމަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 350 ދުވަހުގެ ތެރޭގަ އެވެ.