ކާބުލް (16 ޖެނުއަރީ) - އަފްޣާނިސްތާނުގައި ވެރިކަން ކުރާ ތާލިބާނުން ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކާ ޚިލާފުވި ކަމަށް ބުނެ އެ ޖަމާއަތުގެ 3000 އެއްހާ ސިފައިން އެމީހުންގެ ވަޒީފާއިން ވަކިކޮށްފި އެވެ.

މިދިޔަ އޮގަސްޓް މަހު ނޭޓޯގެ ބާރުތަކާއި އެމެރިކާގެ ސިފައިން އަފްޣާނިސްތާނުން ފޭބުމާއެކު ވެރިކަމަށް އަތްގަދަކުރި ތާލިބާނުން ވަނީ މީގެ 20 އަހަރު ކުރިން އެޖަމާއަތުން ވެރިކަން ކުރިއިރު ގެންގުޅުނު ހަރުކަށި އުސޫލުތަކަށް ލުއިތަކެއް ދޭނެ ކަމަށް ވައުދުވެފަ އެވެ.

ތާލިބާނުންގެ ފަރާތުން ވާހަކަ ދެއްކި ތަރުޖަމާނަކު ބުނި ގޮތުގައި މަގާމުން ވަކި ކުރެވުނު ސިފައިންނަކީ ސިފައިންގެ އަޚްލާގީ މިންގަނޑުތަކާ ޚިލާފުވި ސިފައިން ކަަމަށެވެ. އެގޮތުން އެ ސިފައިންނަކީ ކޮރަޕްޝަނާއި މަސްތުވާތަކެތީގެ އިތުރުން މީހުންގެ ޒާތީ ދިރިއުޅުމަށް އުނދަގޫ ކޮށް އައިސިސް ފަދަ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮތް ކަމުގެ ރިޕޯޓު ލިބިފައިވާ ސިފައިން ކަމަށް އޭނާ ބުންޏެވެ.

"އެމީހުން ދިޔައީ މި އިސްލާމީ ދައުލަތަށް ހުތުރު ނަން ލިބޭ ފަދަ އަމަލުތައް ހިންގަމުން. އެހެންކަމުން އެމީހުން ވަކި ކުރުމަކީ ރައްޔިތުންނާއި ބައިނަލްއަގުވާމީ މުޖުތަމައު ވެސް އިތުބާރު ކުރާ ވެރިކަމެއް ގާއިމު ކުރުމުގެ މަގުސަދުގައި އެޅި ފިޔަވަޅެއް،" ޑިފެންސް މިނިސްޓްރީގެ އޮފިޝަލެއް ކަމަށްވާ ލަތީފުﷲ ހަކީމީ ވިދާޅުވި އެވެ.

ތާލިބާނުންގެ ސިފައިންނަކީ މީގެ ކުރިން ވެސް ރަހުމެއް ނެތި އަފްޣާނިސްތާނުގެ ކުށެއް ނެތް އާއްމު ރައްޔިތުން މަރަމުން ދިޔަ ބައެކެވެ. ބައެއް ސިފައިންގެ މައްޗަށް ވަނީ ކުރީގެ އަސްކަރީ ސިފައިން މެރުމުގެ ތުހުމަތު ވެސް އުފުލާފަ އެވެ.

ހަކީމީ އިތުރަށް ވިދާޅުވީ މަގާމުން ވަކި ކުރެވުނު ސިފައިންނަކީ 14 ޕްރޮވިންސަކުން ހޮވުނު ސިފައިން ކަމަށާއި މިފަދަ އިތުރު ސިފައިން ހޯދާ ތާލިބާނުންގެ ދައުލަތް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން ދާނެ ކަމަށެވެ.

ވެރިކަމަށް އިސްވުމަށްފަހު ތާލިބާނުން ވަނީ އަފްޣާނިސްތާނުންގެ ރައްޔިތުން، ހާއްސަކޮށް އަންހެނުންގެ އެންމެ އަސާސީ ހައްގުތައް ވެސް ވަރަށް ބޮޑަށް ހިފަހައްޓާފަ އެވެ. -- އަލް އަރަބިއްޔާ