އޯޝެނިއާ (17 ޖެނުއަރީ) - މިދިޔަ ހޯމަ ދުވަހު ގޮވި ޓޮންގޯގެ ހާޕައި އަލިފާން ފަރުބަދައިގައި އަނެއްކާވެސް ނުރައްކާތެރި ގޮވުމެއް ފާހަގަވެފައިވާ ކަމަށް މޫސުމާ ބެހޭ ކަންކަން ބަލާ ސްޓޭޝަނަކުން ބުނެފި އެވެ.

ހޯމަ ދުވަހު އަލިފާން ފަރުބަދަ ގޮވުމާ ގުޅިގެން އުފެދުނު ރާޅުބާނިތަކުގައި ޖަޕާނާއި ޓޮންގޯ ފަދަ ގައުމުތަކަށް ސުނާމީ އަރާފައިވާއިރު ގޮވުމުން އެރި ވިހަ މާއްދާތަކާއެކު ޓޮންގޯއަށް އެސިޑް ވާރޭ ވެހިދާނެ ކަމަށް ވެސް އިންޒާރު ނެރެފައިވެ އެވެ.

މިއަދު ފާހަގަވި ގޮވުމާއެކު ވެސް އެ ސަރަހައްދުގެ ކަނޑު އަޑީގައި ރާޅު ބާނިތަކެއް އުފެދިފައި ވީނަމަވެސް މި ބާނިތައް ސުނާމީއަކަށް ބަދަލު ވާ ވަރުގެ ބިންހެލުމެއް އައިސްފައި ނުވާ ކަމަށް މީޓިއޮރޮލޮޖިސްޓުން ބުނެ އެވެ.

ޕެސިފިކް ސުނާމީ ވާނިންގް ސެންޓަރުން ވެސް ވަނީ އެ ސަރަހައްދުގެ ކަނޑުއަޑީގައި އުފެދިފައިވާ ރާޅުބާނިތަކަކީ އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން އުފެދުނު ރާޅުބާނިތަކެއް ކަން ޔަގީން ކޮށްދީފަ އެވެ.

ހޯމަ ދުވަހުގެ ގޮވުމުގައި 18 ކިލޯމީޓަރަށް ދުމާއި ހިރަފުސް ބުރާފައިވާއިރު، މި ގޮވުމުގައި އެއްވެސް މީހަކަށް އަނިޔާވެގެން ރިޕޯޓު ކޮށްފައި ނުވާ ކަމަށް އޮފިޝަލުން ބުނެ އެވެ.

ޓޮންގޯއަކީ ޖިއޮގްރަފީ ގޮތުން ބިންހެލުމާއި އަލިފާން ފަރުބަދަ ގޮވުން ފަަދަ ގުދުރަތީ ހާދިސާތައް ގިނަ ޕެސިފިކް ރިންގް އޮފް ފަޔާގައި ހިމެނޭ ގައުމެކެވެ. -- އަލް އަރަބިއްޔާ