މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގެ އިނގިރޭސި ތަރުޖަމާއެއް އެ ކޯޓުން ފުލުހުންނަށް ދީފި އެވެ.

ޓުއަރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތާއި ގުޅިގެން ކޯޓުގައި މައްސަލަ ކުރިއަށްދަނިކޮށް އަލީ ވަހީދު ރާއްޖެއިން ބޭރަށް ދިޔައީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ދިހަ ވަނަ ދުވަހު އެވެ.

އޭގެ ފަހުން އޭނާ ހައްޔަރުކޮށްގެން ޝަރީއަތަށް ހާޒިރު ކުރުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އަމުރު ނެރުނު ނަމަވެސް މިހާތަނަށް އޭނާ ރާއްޖެއަށް ގެނެވިފައެއް ނުވެ އެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ އަލީ ވަހީދު ހައްޔަރުކޮށްގެން ރާއްޖެ ނުގެނެވިގެން އުޅެނީ އޭނާގެ ހައްޔަރު އަމުރުގެ ތަރުޖަމާއެއް ނުލިބިގެން ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ފުލުހުންނަށް ވަނީ އެ އަމުރުގެ އިނގިރޭސި ތަރުޖަމާއެއް ކޯޓުން ދީފަ އެވެ.

ހައްޔަރު އަމުރުގެ ތަރުޖަމާއަކަށް ފުލުހުން އެދުނީ މީގެ ދެ ދުވަސް ކުރިން އަންގާރަ ދުވަހެވެ. އަދި ޖެހިގެން އައި ދުވަހު ކޯޓުން ވަނީ ފުލުހުން އެދުނު ގޮތަށް އަމުރު ދޫކޮށްފަ އެވެ.

އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުންތައް އޮންލައިންކޮށް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމި މައްސަލައިގެ އަޑުއެހުމަކަށް މީގެކުރިން ސުޕްރީމް ކޯޓަށް އަލީ ވަހީދު ހާޒިރުވާން ވެސް ކޯޓުން އެންގި އެވެ. ނަމަވެސް ޗިޓު ފޮނުވައިގެން އަލީ ވަހީދު ކޯޓަށް ހާޒިރު ނުވުމުން ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އަޅައި ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑުމުން އޭނާގެ މައްޗަށް ވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އެ ކޯޓުން އިއްވާފަ އެވެ. އެ ހުކުމް އިއްވާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު އެވެ.