ދޯހާ (28 ޖެނުއަރީ) - ގަތަރުގެ ގައުމީ އެއާލައިން، ގަތަރު އެއާވޭސްގެ ޕައިލެޓުންނަށް އަރާމުކުރަން އެކަށީގެންވާ ވަގުތު ނުލިބޭކަމުގެ ކަންބޮޑުވުން އެ ޕައިލެޓުން ފާޅުކޮށްފި އެވެ.
ޕައިލެޓުންގެ ފަރާތުން ވާހަކަ ދެއްކި ޕައިލެޓަކު ބުނީ ގަތަރު އެއާލައިންސްގެ ޝެޑިއުލްތައް ހުންނަ ގޮތުން ދެ ދަތުރު ދެމެދުގައި ކްރޫންނަށް ގޭގައި އަރާމުކުރަން އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށެވެ.
މިކަމުގެ ސަބަބުން ގިނަ ސިއްހީ މައްސަލަތަކެއް ޕައިލެޓުންގެ މެދުގައި ފެންމަތިވެފައިވާ ކަމަށް ބުނަމުން އޭނާ ބުނީ މިއީ ޕައިލެޓުންގެ އިތުރުން ފަސިންޖަރުންގެ ސަލާމަތަށް ވެސް ހުރި ނުރައްކަލެއް ކަމަށެވެ.
"ދިގު ދަތުރު ތަކެއް ކުރަން ޖެހޭއިރު އެކަށީގެންވާ ވަރަށް އަރާމު ނުލިބުމުގެ ސަބަބުން ވަރުބަލިކަން އިހުސާސް ކުރެވި ފޯކަސްކުރަން އުނދަގޫތަކެއް ކުރިމަތިވޭ،" އޭނާ ބުންޏެވެ.
ޕައިލެޓުންގެ މި ޝަކުވާއާއެކު ގަތަރުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ ގަތަރު އެއާލައިންސްއިން ދަނީ ފަސިންޖަރުންގެ ރައްކާތަރިކަމަށް އިހުމާލު ވަމުން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އިންޓަނޭޝަނަލް އޭވިއޭޝަން ގަވާއިދު ބުނާ ގޮތުން ދެ ދަތުރު ދެމެދުގައި ޕައިލެޓުންނަށާއި ކްރޫއިންނަށް އަރާމު ކުރަން އެކަށީގެންވާ ވަގުތު ދެވެން ވާނެ އެވެ. އަދި ޕައިލެޓުންގެ ފަރާތުން ސިއްހީ ޝަކުވާއެއް ލިބިއްޖެ ނަމަ އެކަަމަށް ވަގުތުން ފިޔަވަޅު އަޅަން ޖެހޭނެ އެވެ.
ގަތަރު އެއާވޭސްއިން ވަނީ ކޮވިޑް 19ގެ ޕެންޑަމިކްއާ ގުޅިގެން 2019 ވަނަ އަހަރު އެ އެއާލައިންގެ ކޮންމެ ފަސް މުވައްޒަފަކުން އެއް މުވައްޒަފު ވަޒީފާއިން ވަކިކޮށްފަ އެވެ. މިކަމުގެ ސަަބަބުން އެއާލައިންގެ ފުލް އޮޕަރޭޝަންތައް ފަށައިގަތް އިރު މުވައްޒަފުންގެ އަދަދު އިންތިހާއަށް މަދުވެ ތިބި މަދު މުވައްޒަފުންނަށް އަރާމު ނުލިބި މަސައްކަތް ކުރަން ވަނީ ޖެހިފަ އެވެ.
ގަތަރު އެއާލައިންސްގެ ސްޕޮންސާޝިޕްގެ ދަށުން ގަތަރުގައި ފީފާ ވޯލްޑް ކަޕް ފަަށަން ތައްޔާރު ވަމުން އަންނައިރު އެ އެއާލައިންއާ ދެކޮޅަށް މިފަދަ ޝަކުވާ ތަކެއް އައުމަކީ ކުރިމަތިވާނެ ގޮންޖެހުމެކެވެ. -- އަލް އަރަބިއްޔާ