ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރި އެމްޕީއެލް މުއައްޒަފަށް ވަޒީފާ އަލުން ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއިން ހުކުމްކޮށްފި އެވެ.

ގާނޫނާއި ހިލާފަށް އަދި ވަޒީފާގެ އެއްބަސްވުމާއި ހިލާފަށް ވަޒީފާއިން ވަކިކުރީ ސ. ފޭދޫ ވާރުގެ، މުޙައްމަދު އައިމަން އެވެ.

އައިމަން އެމްޕީއެލްގައި 2001 ވަނަ އަހަރުން ފެށިގެން ވަޒީފާ އަދާކޮށްފައިވާއިރު، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާގެ އެއްބަސްވުމާއި ވަޒީފާއާ ބެހޭ ޤާނޫނާ ޚިލާފަށް އިޖުރާޢަތްތައް ފުރިހަމަނުކޮށް ކަމަށް ޓްރިބިއުނަލްއިން ވަނީ ކަނޑައަޅާފަ އެވެ.

އޭގެ އިތުރުން ޓްރިބިއުނަލް އިން ވަނީ އޭނާގެ ވަޒީފާ އަލުން ރުޖޫއަކުރުމަށް އަމުރުކޮށްފަ އެވެ. އަދި ވަޒީފާއިން ވަކިކުރި މުއްދަތުން ފެށިގެން ރުޖޫއަ ކުރި މުއްދަތާއި ހަމައަށް ލިބިދޭންޖެހޭ މުސާރައާ އިނާޔަތް ތިން ދުވަހުގެ ތެރޭގައި އައިމަން އަށް ދިނުމަށް ވެސް ޓްރިބިއުނަލްއިން އަމުރުކޮށްފައިވެ އެވެ.

ސިޔާސީ ނުފޫޒެއްގެ ސަބަބުން މުވައްޒަރުން ވަޒީފާއިން ވަކިނުކޮށް ރައްކާތެރިކަން ދިނުމަށް މި ސަރުކާރުން ވައުދުވެފައިވެ އެވެ. އެހެންނަމަވެސް ސިޔާސީ ނުފޫޒުގެ ދަށުން ވަޒީފާއިން ވަކިކުރި އެތައް މުއައްޒަފަކަށް ޓްރިބިއުނަލް އިން އަލުން ވަޒީފާ ދިނުމަށް ހުކުމްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ވަޒީފާ އަލުން ރުޖޫއަ ނުވި މުއައްޒަފުން ވެސް ހިމެނެ އެވެ.