ހަކުރު ބަލީގެ ނުރައްކާ އޮންނަ މީހުން ކުކުޅު ބިސް ކެއުމުން ހިތުގެ މައްސަލަތަކަށް މަގުފަހިވާ ކަމަށް ބެލެވިފައި އޮތަސް އެއީ ރަނގަޅު ހީއެއް ނޫން ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.
ކުރީގެ ދިރާސާއެއްގައި ފާހަގަކޮށްފައިވާ ގޮތުގައި ހަކުރު ބަލި ހުންނަ މީހުން ހަފުތާއަކު 12 ބިސް ކާ ނަމަ، ހިތުގެ ބަލިތަކަށް ހުށަހެޅުމުގެ ބިރު ބޮޑެވެ. ނަމަވެސް ސިޑްނީ ޔުނިވަސިޓީގެ ޓީމަކުން ހެދި ދިރާސާއިން ފާހަގަވި ގޮތުގައި ބިސް ކެއުމާއި ހިތުގެ ބައްޔާ ގުޅުމެއް ހުރި ކަމަކަށް ނުދައްކަ އެވެ.
މި ދިރާސާ ހެދުމަށް ހަކުރު ބަލި ހުންނަ މީހުން ތިން މަސް ދުވަހު، ކޮންމެ ހަފުތާއަކު މަދުވެގެން 12 ބިސް ކައިގެން އަންނަނީ ކޮން ކަހަލަ ބަދަލުތަކެއްތޯ ބެލި އެވެ.
ނަމަވެސް އެ މުއްދަތުގެ ތެރޭގައި ބިސް ކައިގެން ބަރުދަނަށް ވެސް މާ ބޮޑު ބަދަލެއް އައިސްފައި ނުވާ ކަމަށާއި ހިތުގެ މައްސަލަތައް އިތުރުވާ ކަމަކަށް ވެސް ނުދެއްކި އެވެ. އަދި އެ މީހުންގެ ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލާއި ލޭގައި ހަކުރު އެކުލެވޭ މިންވަރަށް ވެސް ނުރައްކާތެރި ބަދަލެއް ނާދެ އެވެ.
"ތިން މަސް ދުވަހަށް އަހަރެމެން ބެލި ބެލުމުން، ހަކުރު ހުންނަ މީހުންނަށް، ބިސް ކެއުމުން ހިތުގެ އެއްވެސް މައްސަލައެއް ކުރިމައްޗެއް ނުވޭ،" ދިރާސާ ޓީމުގައި ހިމެނޭ ނިކް ފުލާ ވިދާޅުވި އެވެ.
"އެހެންވީމާ އަހަރެމެންގެ ދިރާސާ އިން އެނގުނު ކަމަކީ ހަކުރު ހުންނަ މީހުން ބިސް ކެއުމާ ދުރުވާން ނުޖެހޭކަން. ބިހަކީ ދުޅަހެޔޮ ޑައިޓަކަށް ވަރަށް ވެސް މުހިއްމު ބާވަތެއް."
އެމެރިކަން ކްލިނިކަލް ނިއުޓްރިޝަން ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ބިހަކީ ޕްރޮޓީނާއި މައިކްރޮނިއުޓްރިޓަންޓްސް އިން މުއްސަނދިވެފައިވާ އެއްޗަކަށްވާތީ ބިހަކީ ހަށިގަނޑަށް އެތެރެ ކުރެވޭ ކާބޮހައިޑްރޭޓްސް އާއި ފެޓްގެ މިންވަރު ވެސް ހަމައަކަށް އަޅުވައިދޭ އެއްޗެކެވެ. އަދި ބިހަކީ ލޮލާއި ހިތާއި ލޭހޮޅިތަކުގެ މަސައްކަތްތައް ވެސް ބަރާބަރުކޮށް ދޭން އެހީތެރިވެދޭ އެއްޗެކެވެ.