ރިޔާދު (02 ފެބްރުއަރީ) - ސައޫދީ އަރަބިއާގެ ތަވައްކަލްނާ އެޕްލިކޭޝަންގައި ވެކްސިން ފުރިހަމަ ކުރި ކަމަށް ދެން ބެލެވޭނީ ވެކްސިންގެ ދެ ޑޯޒު ޖަހައި، އަދި ބޫސްޓާ ޑޯޒު ވެސް ޖެހުމުން ކަމަށް އެ ގައުމުން ނިންމައިފި އެވެ.
މި އާ އުސޫލުގެ ދަށުން ހައްޖާއި އުމްރާގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ވެކްސިން ފުރިހަމަކުރުން ކަމަށް ބެލެވޭނީ ވެކްސިންގެ ބޫސްޓާ ޑޯޒް ވެސް ޖެހުމުންނެވެ. އެހެން ކަމުން ދެން ހައްޖާއި އުމްރާ ކުރަން ބޭނުންވާ މީހުން ބޫސްޓާ ޑޯޒު ޖަހަން ޖެހޭނެ އެވެ.
މި އާ އުސޫލާއެކު ސައޫދީ އަރަބިއާގައި ވެކްސިން ފުރިހަމަ ކުރި ކަމަށް ބަލާނީ ވެކްސިންގެ ދެވަނަ ޑޯޒު ޖެހި ފަހުން 8 މަސް ދުވަސް ވެފައިވާ މީހުން ބޫސްޓާ ޑޯޒު ވެސް ޖެހުމުންނެވެ. ދެވަނަ ޑޯޒު ޖަހައި 8 މަސް ހަމަ ނުވާ ނަމަ ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ބެލެވޭނެ އެވެ.
ތަވައްކަލްނާ އެޕްލިކޭޝަންއަކީ އެގައުމުގައި ކޮވިޑް ފެތުރެން ފެށުމާއެކު ކޮންޓެކްޓް ޓްރޭސިން ހެދުމާއި އެ މީހެއްގެ ކޮވިޑް އަދި ވެކްސިން ރެކޯޑުތައް ބެލޭ ގޮތަށް ހެދިފައިވާ އެޕްލިކޭޝަން އެކެވެ. މި އެފްލިކޭޝަން މެދުވެރިކޮށް ޝަރުތު ފުރިހަމަވެފައި ވާނަމަ ހައްޖާއި އުމްރާއަށް ވެސް ހުށައެޅޭނެ އެވެ.
ސައޫދީ އަރަބިއާގައި ވެކްސިން ފުރިހަމަ ކޮށްގެން ނޫނީ ކެއިވެނި އަދި ބައްދަލުވުންތައް ފަދަ އާއްމު އެއްވުންތަކާއި ސަރުކާރު އޮފީސްތަކަކަށް ނުވަދެވޭނެ އެވެ. މީގެ އިތުރުން ވައިގެ އުދުހުންތަކާއި ޕަބްލިކް ޓްރާންސްޕޯޓު ބޭނުން ކުރަން ވެސް ވެކްސިން ފުރިހަމަ ކޮށްފައި ވާން ޖެހޭނެ އެވެ.
އެގައުުމުގެ ކޮވިޑް އުސޫލުތަކަށް ބަދަލު ގެނެސްފައި މިވަނީ މިދިޔަ ޖެނުއަރީ މަހު ރެކޯޒު އަދަދަކަށް އެގައުމުގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރު ވުމާ ގުޅިގެންނެވެ.
ތަވައްކަލްނާ އެޕްލިކޭޝަންއަކީ ސައޫދީ އަރަބިއާގެ އާބާދީގެ ގިނަ ބަޔަކު އެމީހުންގެ ކޮވިޑް ހާލަތު ބެލުމަށް ޑައުންލޯޑްކޮށް ބޭނުން ކުރަމުންދާ އެޕްލިކޭޝަން އެކެވެ. -- އަލް އަރަބިއްޔާ