މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވުމަށްފަހު ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި ރައީސް މުހައްމަދު ނަޝީދު ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮމަންޑޫ ދާއިރާއަށް ވަޑައިގަތުމަށް ރައީސް ސާލިހު އާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު 12:30 ގައެވެ. މި ދަތުރު ފުޅުގައި ދެ ރައީސުން ދާއިރާގެ 3 ރަށް ކަމުގައިވާ ކޮމަންޑޫ، ފޯކައިދޫ އަދި މަރޮއްޓަށްވެސް ވަޑައިގަންނަވާނެ އެވެ.

ކޮމަންޑޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ މުހައްމަދު ރާޝިދުގެ ކެމްޕެއިނަށް މީގެ ކުރިންވެސް ދެ ރައީސުން ވަޑައިގަންނަވަން ނިންމެވި ނަމަވެސް ރައީސް ސާލިހު ކޮވިޑަށް ޕޮޒިޓިވް ވުމުން އެފަހަރު ވަޑައިގެންނެވީ ރައީސް ނަޝީދު އެވެ. ނަމަވެސް ރައީސް ސާލިހުވަނީ ރާޝިދުގެ ކެމްޕެއިންގައި މީގެ ކުރިން ދާއިރާގެ 3 ރަށަށްވެސް ވަޑައިގެންފަ އެވެ. އެގޮތުން 3 ރަށުގައިވެސް އެމަނިކުފާނުވަނީ ބަޖެޓުން ބޭރުން ގިނަ މަޝްރޫއުތަކެއް އިއުލާން ކުރައްވާފަ އެވެ. އަދި އެއީ އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށްވިޔަސް އެކަން ކުރައްވާނެ ކަމަށް ރައީސް ސާލިހު ވިދާޅުވި އެވެ.