ކާބުލް (03 ފެބްރުއަރީ) - އަފްޣާނިސްތާނުގެ ހަ ޕްރޮވިންސެއްގެ ޔުނިވާސިޓީތަކުގައި އަންހެނުންނަށް ކިޔެވޭ ގޮތަށް އެ ގައުމުގެ ތައުލީމީ ދާއިރާގެ ގަވާއިދުތައް ބަދަލުކޮށްފި އެވެ.
ތާލިބާނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަންހެނުންނަށް މި ހަ ޕްރޮވިންސްގެ ޔުނިވާސިޓީތަކުގައި ކިޔަވަން ފުރުސަތު ހުޅުވާލި ނަމަވެސް ކިޔެވުމުގެ ހުރިހާ ވަގުތުތަކުގައި މޫނު ބުރުގާ އަޅައިގެން ތިބެން ޖެހޭނެ ކަމަށެވެ.
މި ނިންމުމަކީ މިދިޔަ އޮގަސްޓް މަހު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އަތްގަދަކުރި ފަހުން އަންހެނުންގެ ހައްގުތަކާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ތާލިބާނަށް ފިއްތުންތައް ކުރިމަތި ކުރުވަމުން ދިޔަ ދަނޑިވަޅެއްގައި ނިންމި ނިންމުމެކެވެ.
ތައުލީމު އުނގެނުމުގެ ހައްގުގެ އިތުރުން ވެސް ގިނަ އިންސާނީ ހައްގުތަކަކުން އަފްޣާނިސްތާނުގެ އަންހެނުން ވަނީ މަހްރޫމް ކުރެވިފަ އެވެ. އެރޮތުން ވަޒީފާ އަދާކުރުމާއި ބޭރަށް ނުކުމެ އުޅުމުގެ ހައްގު ތާލިބާނުން ވަނީ އަންހެނުންނަށް ވަރަށް ބޮޑަށް ހިފަހައްޓާފަ އެވެ.
އަފްޣާނިސްތާނުގައި ޖުމްލަ 34 ޕްރޮވިންސް އޮންނައިރު ފުރަތަމަ ހަ ޕްރޮވިންސްގެ ޔުނިވާސިޓީތައް އަންހެނުންނަށް ހުޅުވާލި ނަމަވެސް ކުރިއަށަ އޮތް ތަނުގައި އިތުރު ޔުނިވާސިޓީތައް ވެސް ހުޅުވާނެ ކަމަށް ތާލިބާނުން ބުނެ އެވެ.
ތާލިބާނުންގެ މި ނިންމުމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމާއަތްތަކުންނާއި އެގައުމުގެ އަމިއްލަ ޖަމާއްތްްތަކުން ވެސް ވަނީ މަރުހަބާ ކިޔާފަ އެވެ. -- އަލް އަރަބިއްޔާ