ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ގުޅޭ ގޮތުން މިހާތަނަށް 10 ޝަކުވާއެއް ލިބިފައިވާ ކަމަށާއި އޭގެ ތެރޭގައި ސީރިއަސް މައްސަލައެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ވޯޓު ލުން ފެށުމުގެ ކުރިން އެ ކޮމިޝަނަށް ތިން ޝަކުވާއެއް ލިބުނު ކަމަށާއި އެ މައްސަލަތައް ބަލައި، ޝަކުވާ ހުށަހެޅި ފަރާތަށް ޖަވާބު ދީފައިވާ ކަމަށެވެ. މީގެ އިތުރުން ކޮމްޕްލެއިޓްންސް ބިއުރޯ އަށް އިއްޔެ އިތުރު ހަތް ޝަކުވާއެއް ލިބިފައިވާ ކަމަށާއި އެ ޝަކުވާތަކަށް އެޓެންްޑު ކުރަން ފަށާފައިވާ ކަމަށް ފުއާދު ވިދާޅުވި އެވެ. އަދި އެ ބިއުރޯ އިން ޝަކުވާތަކާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ފަހު އީސީ އާ މަޝްވަރާ ކުރާނެ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.

މިހާތަނަށް 10 ޝަކުވާ ހުށައެޅިފައިވީ ނަމަވެސް އަދިވެސް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށް ފުއާދު ވިދާޅުވި އެވެ. އަދި އެ ކޮމިޝަނުން ބާރު އަޅަނީ ކުރިއަށް އޮތް ތިން ދުވަސް ތެރޭގައި ޝަކުވާތައް ހުށަހަޅާ ނިންމުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިންތިހާބާ ދިމާކޮށް އެ ދާއިރާގައި ހިމެނޭ ތިން ރަށުގައި ސަރުކާރުން ވަނީ ގިނަ މަޝްރޫއުތަކެއް ފަށާފަ އެވެ. އިދިކޮޅުން ބުނަނީ މި އިންތިހާބަކީ ސަރުކާރުން އިންތިހާއަށް ނުފޫޒު ފޯރުވި އިންތިހާބެއް ކަމަށެވެ.