ޖުޑިޝަލް ސާވިސް ކޮމިޝަންގައި ރައީސް މުހައްމަދު ނަޝީދު އިންނެވުމަކީ މުހިއްމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ދޮންބިލެތް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފަނޑިޔާރުންގެ ގާނޫނަށް ބަހުސް ކުރައްވަމުން ދޮންބިލެތް ވިދާޅުވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރަންޖެހޭ ކަމަށާއި އެމްޑީޕީން އެ ބަދަލަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ޖޭއެސްސީއަށް ގެންނަންވީ އެންމެ ބޮޑު ބަދަލަކީ ކޮމިޝަންގައި ފަނޑިޔާރުންނަށް ތިބެވޭނެ ގޮތް ބަދަލު ކުރުންކަމަށެވެ. އެގޮތުން ޖޭއެސްސީގައި ފަނޑިޔާރުންނަށް ތިބެވިގެން ނުވާނެކަމަށާއި، ނަމަވެސް އެކޮމިޝަންގައި ސިޔާސީ މީހުންނަށް ތިބެވެންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖޭއެސްސީގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިންނެވުމަކީ މުހިންމު ކަމެއްކަން ފާހަގަކޮށް، އޭނާ ވިދާޅުވީ މަޖިލިސް މެމްބަރުނަކީ އިންތިހާބީ މެމްބަރުންނަށް ވާއިރު ރައްޔިތުން އެދޭ ކަންކަން ހާސިލް ކުރެވޭނީ އިންތިހާބީ މަޤާމުތަކުގައި ތިބޭ ބަޔަކަށް ކަމުގައެވެ.

"ބައެއް ފަހަރަށް އަޅުގަނޑުމެންނަށް އިނގިލި ދިއްކުރެވެނީ މިސާލަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންނަވާ ކަމަށް ވަންޏާ އިންސާފެއް ނުހޯދޭނެއޭ. ނޫން. ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ އިންނަވަނީ ރައްޔިތުންގެ ވޯޓަކުން އެ ތަނަށް އިންތިހާބު ވެގެން." ދޮންބިލެތް ވިދާޅުވި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން ބަދަލު ކުރުމަކީ ރައީސް ޞާލިހުގެ ރިޔާސީ ވައުދުފުޅެކެވެ. ނަމަވެސް ދައުރު ނިމުމަކާއި ގާތަށް ދާއިރުވެސް އަދިވެސް އެމަސައްކަތް ކުރެވިފައި ނުވެއެވެ. ނަމަވެސް މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތާރިގުވަނީ ޖޭއެސްސީގެ ކޮމްޕޮސިޝަން ބަދަލު ކުރުމަށް ދެވަނަ ފަހަަރަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ވައްދާފައެވެ. ތާރިގު ފުރަތަމަ ވެއްދި ބިލު މެޖޯރިޓީ އޮންނަ އެމްޑީޕީންވަނީ ބޭރު ކޮށްލާފަ އެވެ.