ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރުކަމަށް އިންތިހބާބުވެ ވަޑައިގެންނެވި މުހައްމަދު ރާޝިދު މެމްބަރު ކަމުގެ ހުވާ ކުރައްވައިފި އެވެ.

ރައްޔިތުން މަޖިލީހުގެ އިދާރާގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި، ރާޝިދުއަށް ހުވައި ލައިދެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު ހުސްނުއް ސުއޫދު އެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުން މިޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު ވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.

ކޮމަންޑޫ ދާއިރާއަށް ހޮވިވަޑައިގެން މެމްބަރު ރާޝިދު ވަނީ ހުވާ ކުރެއްވުމަށްފަހު ހުވާގެ އިގުރާރުގައި ސޮއިކުރައްވާފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ރާޝިދު ކާމިޔާބުކުރައްވާފައިވާއިރު، ރާޝިދު ވަނީ އެންމެ ގާތުން ވާދަކުރެއްވި ޕީޕީއެމްގެ ކެނޑިޑޭޓާއި ވާދަކުރައްވައި 240 ވޯޓުން ކުރި ހޯދާފަ އެވެ

އިންތިހާބުގައި ޕީޕީއެމްގެ ކެނޑިޑޭޓް، މޫސާ ފަތުހީ އާދަމަށް 1،161 ވޯޓު ލިބުނުއިރު، މެމްބަރު ރާޝިދު ވަނީ 1،401 ވޯޓު ހޯދާފަ އެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެގެން ބައި އިލެކްޝަނެއް ބޭއްވީ، އެ ގޮނޑީގެ މަގާމު ފުރުއްވަމުން ގެންދެވި ހުސެއިން ވަހީދު މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމުންނެވެ. އަދި އެ ގޮނޑިއަށް މެމްބަރަކު ހޮވުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި- އިލެކްޝަންގައި ވެރިކަން ކުރާ ޕާޓީ، އެމްޑީޕީންނާއި، ޕީޕީއެމްގެ އިތުރުން، މިދިޔަ އަހަރު އަލަށް އުފެއްދި ޕާޓީ އެމްއެންޕީން ވެސް ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ވާދަކުރި އެވެ.