ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު (ރާޑޯ) އަށް ވޯޓު ދޭން ޖެހޭނެ ކަމަށް ވިދާޅުވެ، ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނަށް ބިރު ދެއްކި ޒާހިރު އުސްމާނުގެ އޯޑިއޯ ދިފާއު ކުރައްވާ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފި އެވެ.
އެ އޯޑިއޯގައި ދެއްކެވި ވާހަކަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ދިފާއު ކުރެއްވީ، މަޖިލީހަށް އޯޑިއޯ އިއްވަން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އެދިވަޑައިގަތުމުންނެވެ. މަޖިލީހުގައި އިއްވުމުގެ ހުއްދަ ދެވިދާނެ ކަމަށް ނަޝިދު ވިދާޅުވެ އެ ހުއްދަ ދެއްވުމުން ޝިޔާމްގެ މައިކްގައި ފޯނު ޖައްސަވައިގެން މުޅި މަޖިލީހަށް އޯޑިއޯ އިއްވެވި އެވެ. ޝިޔާމްގެ އެ އޯޑިއޯގެ ވަކި ހިސާބަކަށް ދިއުމުން، ޝިޔާމްގެ މައިކްގެ އަޑު ކަނޑާލެއްވުމަށް ފަހު، ނަޝީދު ވިދާޅުވީ ވަޒީފާ އިން ވަކިނުކުރާނެ ކަމާއި ނުފޫޒު ނުފޯރުވާ ކަމަށް އޯޑިއޯގެ ކުރީކޮޅު ސާފުކޮށް ބުނާކަމަށެވެ.
ނަމަވެސް ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު ޒާހިރު ދީފައިވަނީ އެ އޯޑިއޯގެ އެންމެ ފަހަތުގަ އެވެ. ނަމަވެސް އެބައި މަޖިލީހަށް ނުއިއްވެވުނެވެ.
"އެކަމަކު މިކަމަކު އަހަރެމެންގެ ބަސް ނާހާ މީހުންނަކަށް އަހަރެމެންގެވެސް ނޯންނާނެ އެހީތެރިކަމެއް. ރާޑޯއަކަށް ނޫން މިވޯޓު ހޯދަނީ. މިވޯޓު ހޯދަނީ ތިލަފަތަށް. އެއްގޮތަކީ ރާޑޯއަށް ލާން ބޭނުން ނުވާނަމަ ވޯޓު ނުލާވެސް ހެދޭނެ ގޮތްގޮތް އޮންނާނެ. އެމީހަކު ވޯޓުލާން ނުދާނީ. މިބުނީ އޮޕްޝަންތަކެކޭ މިދިނީ." އެ އޯޑިއޯގައި ޒާހިރު ބުނެފައިވެ އެވެ. އަދި އެވާހަކަތައް ލީކު ކޮށްލައިފިނަމަ "ކަނޑާ ވައްޓާލާނެ" ކަމަށްވެސް ޒާހިރު ބުނެފައިވެ އެވެ.
އިންތިހާބު ނިމުމާއެކު އެމްޑީޕީގެ އެކްޓިވިސްޓުންދަނީ ޒާހިރު ބޭރުކުރުމަށް ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ.