ބޮލީވުޑްގައި 90ގެ އަހަރުތަކުގައި ވިދާލި ފަންނާނު މިތުން ޗަކްރޮބޯތީއަށް އައްލޫ އަރްޖުންގެ "ޕުޝްޕާ" ކަމުގޮސްފި އެވެ.

މިތުން ބުނީ އޭނާއަށް "ޕުޝްޕާ" ސިފަވީ އެންމެ ކުރީގައި އޭނާ ކުޅުނު ފިލްމުތައް ފަދައިން ކަމަށެވެ. އަދި އޭނާއަށް އެ ފިލްމު ވަރަށް ބޮޑަށް ކަމުގޮސްފި ކަމަށާއި، ފިލްމުގެ އެންމެ މައި ރޯލު ކުޅެދިން އައްލޫ އަރްޖުންއަކީ މިތުން ވަރަށް ލޯބިކުރާ ފަންނާނެއް ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

އައްލޫ އަރްޖުން އެންމެ ފަހުން ކުޅުނު ޕުޝްޕާ ގިނަ ބަޔަކަށް ކަމުގޮސްފައިވާއިރު، އަރްޖުން ވަނީ މިތުންގެ އިތުރުން ބޮލީވުޑްގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފަ އެވެ.

ޕުޝްޕާ- ދަ ރައިޒިން އަކީ ކޮވިޑަށް ފަހު ސައުތު އިންޑިއަން ސިނަމާތަކުގައި އަޅުވާ ފުރަތަމަ ފިލްމެވެ. މިފިލްމު ރިލީޒް ކޮށްފައި ވަނީ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.

އިންޑިއާގެ ފަސް ބަހަކުން މި ފިލްމު ރިލީޒްކޮށްފައިވާއިރު، އޭގެ ތެރޭގައި ހިންދީ, ތެލުގޫ، ތަމިލް، މަލަޔާޅަމް އަދި ކަންނަޑާ ބަސް ހިމެނެ އެވެ.