ހެލްތު މިނިސްޓްރީގެ ބޭނުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އަލުން ދައުވާކުރުމަށް ރައްޔިތުން މަޖިލިހުގެ ޖުޑީޝަރީ ކޮމިޓީން އަންގާފައި ނުވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އަޑުން ރޭ ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަމީމު ވިދާޅުވީ އެ މައްސަލާގައި ޕީޖީ އޮފީހުން ފުރަތަމަ ނިންމާފައިވަނީ އޭރު ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ދައުވާކުރެވެން ނެތް ކަމަށް ކަމަށެވެ. އަދި އެ މައްސަލާގައި ލިބިފައިވާ މައުލޫމާތު މަޖިލީހުގެ ކޮމިޓީއާ ހިއްސާކުރައްވާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އާދެ އެންމެ ފުރަތަމަ ކަމަކަށް ނިންމީ އެ ވަގުތު ލިބިފައިވާ މައުލޫމާތުގެ މައްޗަށް ޝަރީޢަތަށް މައްސަލައެއް ހުށަހެޅޭ މިންވަރަކަށް ހެކި ނެތޭ. އެކަމާ ގުޅިގެން މަޖިލިހުގެ ކޮމިޓީއަކަށް ހާޒިރުވެ މައުލޫމާތު ދީފައިވާނެ،" ޝަމީމު ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ މަޖިލިހުން ބުނެފައި ވަނީ އިތުރު މައުލޫމާތު ހޯދަންޖެހޭނަމަ، އެ މައުލޫމާތު ހޯދުމަށްފަހު ކަންކުރަންޖެހޭ ގޮތް ނިންމުމަށް ކަމަށެވެ. އަދި މަޖިލިހުން ދައުވާކުރުމަށް ނުވަތަ ނުކުރުމަށް ވެސް މަޖިލިހުން އަންގާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ މަޖިލިހުން އެ މައްސަލަ މުރާޖައާކުރަން ހުށަހެޅި ހުށަހެޅުމަކީ ޕީޖީގެ މަސައްކަތަށް ނުފޫޒު ފޯރާނެ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި މަޖިލިހުގައި ދެންނެވީ އިތުރަށް ފިޔަވަޅު އެޅޭނީ އިތުރު މައުލޫމާތު ހޯދައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ މަޖިލިހުން ދައުވާކުރަން އެންގި ނަމަވެސް ޝަމީމު ދައުވާ ނުކުރައްވާނެކަން މަޖިލިހަށް ވެސް އެނގޭނެ ކަމަށެވެ.