ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރުކުރަން އަމުރެއް ސިވިލް ކޯޓުން ނެރެފި އެވެ.

ސިވިލް ކޯޓުން ޖާބިރު ހައްޔަރު ކުރުމަށް ވަގުތީ އަމުރެއް ނެރުނީ ޑީއާރްޕީން އެމްޓީސީސީއަށް ދައްކަން ޖެހޭ ދަރަންޏެއް ހޯދުމަށް އެ ކުންފުނިން ދައުވާކޮށްފައިވާ މައްސަލާގަ އެވެ.

ސިވިލް ކޯޓުން ބުނީ، ޖާބިރު ފުލުހުންގެ ބަންދުގައި ބަހައްޓައިގެން މާދަމާ ކޯޓަށް ހާޒިރުކުރަން އެންގީ އެމްޓީސީސީން ޑީއާރުޕީގެ މައްްޗަށް ދައުވާކުރާ މައްސަލައިގަ އެވެ.

އެމްޓީސީސީގެ ފަރާތުން ޑީއާރުޕީން ހޯދި ހިދުމަތްތަކަށް 1.1 މިލިއަން ރުފިޔާ ދޭން ޖެހޭ ކަމަށް ބުނެ އެ ފައިސާ ހޯދުމަށް އެމްޓީސީން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.

އެ މައްސަލަ ބެލުމަށްފަހު ހަ މަސްދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް މީގެ ކުރިން ސިވިލް ކޯޓުން ހުކުމް ވެސް ކުރި އެވެ. އެ ހުކުމް ބާތިލު ކުރުމަށް އެދި އެ މައްސަލަ ޑީއާރުޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ވެސް ހުށަހެޅި އެވެ.

ސުޕްރީމް ކޯޓުން ބޭއްވި އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމަށްފަހު ނިންމީ ޑީއާރުޕީން އެމްޓީސީސީއަށް ފައިސާ ދެއްކުމަށް ކޮށްފައިވާ ހުކުމް ބާތިލު ކުރުމަށް އެދި ހުށަހަޅާފައިވާ ނުކުތާތަކަށް ބަލާއިރު އިސްތިއުނާފު ކުރަން ފުރުސަތު ޑީއާރުޕީއަށް ދޭން ޖެހޭ ފަދަ ނުކުތާތަކެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

މީގެކުރިން ވެސް ސިވިލް ކޯޓުގެ އަމުރެއްގެ ދަށުން ޖާބިރު ހައްޔަރު ކޮށްފައިވެ އެވެ. އެ ފަހަރު ޖާބިރު ހައްޔަރުކޮށްފައިވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ހުކުމެއް ތަންފީޒުކުރަން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް އޭނާ ކޯޓަށް ހާޒިރުކުރުމަށްފަހު, ވަނީ ބަންދުން ދޫކޮށްލާފަ އެވެ.