ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަނބުރާ ރާއްޖެ ގެނައުމަށް ބޭރުގެ އޭޖެންސީތަކަށް ދޭންޖެހޭ މައުލޫމާތު ދީފިކަމަށް ދިވެހި ފުލުހުން ބުނެފި އެވެ.

އެ މިނިސްޓްރީގައި މަސައްކަތް ކުރި މުއައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު އަލީ ވަހީދަށް ކޮށްފައިވާއިރު، އޭނާގެ މައްޗަށް ހަތް ދައުވާއެއް ދައުލަތުން އުފުލާފައިވެ އެވެ. ނަމަވެސް ކޯޓަށް ހާޒިރުނުވެ އަލީ ވަހީދު ވަނީ ބޭސްފަރުވާއަށް ކަމަށް ބުނެ އިނގިރޭސިވިލާތަށް ވަޑައިގެންފަ އެވެ.

ނަމަވެސް އިނގިރޭސި ވިލާތަށް ވަޑައިގަތުމަށްފަހު އޭނާ ރާއްޖެ ވަޑައިނުގަތުމުން، ކްރިމިނަލް ކޯޓުން މިހާރު ވަނީ އޭނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންނަށް އަމުރު ނެރެފަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މީގެ ކުރިން ބުނީ، އަލީ ވަހީދު ހޯދައި ރާއްޖެ ގެނައުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރުމަށް މަސައްކަތް ކުރާ ކަމަށެވެ. އެހެންނަމަވެސް އެކަންކުރުމަށް ކޯޓު އަމުރު އިނގިރޭސި ބަހުން ނުލިބުމާއި ގުޅިގެން އެކަން ކުރުން ލަސްވެގެން ދިޔައީކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނީ އަލީ ވަހީދު ރާއްޖެ ގެނައުމަށް ފުލުހުންނާއި ގުޅުންހުރި ބައިނަލްއަގުވާމީ އިދާރާތަކާއި މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން ކުރަންޖެހޭ ހުރިހާ ކަމެއް އެ އޭޖެންސީތަކުން ކުރަމުން ގެންދާނެ ކަމަށް ވެސް ފުލުހުން މިއަދު ބުނެފައިވެ އެވެ.

އަލީ ވަހީދު ގެނައުމަށް ފުލުހުން މަސައްކަތް ކުރަމުން ގެންދާއިރު، އެކަން ކުރެވޭނީ ސައްހަ ތަހުގީގަކުން ސައްހަ ދައުވާ ކޮށްގެން ކަމަށް އަލީ ވަހީދު ވަނީ ބުނެފަ އެވެ.

އަލީ ވަހީދުގެ މައްޗަށް ކުރާ ދައުވާތައް އޭނާ ދޮގުކުރާއިރު، އޭނާ ވަނީ އެ ތުހުމަތުތަކަކީ ފްރޭމްކުރަން ކުރިކަމެއް ކަމަށް ބުނެފަ އެވެ. އަދި އެ ކަމުގެ ފަހަތުގައި ތިބީ އެމްޑީޕީގެ ބައެއް ބޭފުޅުން ކަމުގައި އޭނާ ވިދާޅުވި އެވެ.