ކާބުލް (18 ފެބްރުއަރީ) - އަފްޣާނިސްތާނުގެ ޝޮކަކް ނަމަކަށް ކިޔާ ސަރަހައްދެއްގައި ހުރި 80 ފޫޓުގެ ވަޅަކަށް ވެއްޓުނު ނުވަ އަހަރުގެ ކުޑަ ކުއްޖަކު މަރުވެއްޖެ އެވެ.

އެގައުމުގެ ޒަބުލް ޕްރޮވިންސްގައި ކޮންނަމުން ދިޔަ ވަޅަށް ހައިދަރު ނަމަކަށް ކިޔާ އެ ކުއްޖާ ވެއްޓިފައިވަނީ ވަޅު ކޮންނަން އުޅުނު ބޮޑުމީހުންނަށް އެހީވުމުގެ ތެރޭގައި މިދިޔަ އަންގާރަ ދުވަހު އެވެ.

ކުއްޖާ ވަޅަށް ވެއްޓުމާއެކު އޭނާ ސަލާމަތްކުރަން ހިންގި ތިން ދުވަހުގެ ބޮޑު އޮޕަރޭޝަނަށްފަހު މިއަދުގެ ވަގުތެއްގައި އޭނާ ވަޅުން ނެގި ނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާ މަރުވެފައިވާ ކަމަށް ތާލިބާންގެ އިންޓީރިއާ މިނިސްޓަރު ވަނީ ޓްވީޓް ކުރައްވާފަ އެވެ.

ރެސްކިއު ޓީމުން ބުނި ގޮތުގައި ވާގަނޑެއްގެ އެހީގައި ކުއްޖާ 10 މީޓަރަށް ނެގުނު ނަމަވެސް ވަޅު ހަނިވުމާއެކު ކުއްޖާ ތާށިވެ އިތުރަށް މައްޗަށް ނުނެގުނީ އެވެ. ނަތީޖާއެއްގެ ގޮތުން ދެން ޖެހުނީ އެ ވަޅުގެ ވަށައިގެން އެހެން ވަޅެއް ކޮންނާށެވެ.

ތާލިބާނުން އަންގާރަ ދުވަހު މީޑިއާއާ ހިއްސާކުރި ވީޑިއޯއެއްގައި ވަޅުގައި ތާށިވެފައި އޮތް ހައިދަރު އޭނާގެ އަތާއި އުނަގަނޑުން މަތި ހަރަކާތް ކުރާތަން ފެނެ އެވެ. އަދި އޭނާގެ ބައްޕައާ ވާހަކަ ދައްކާ އަޑު އިވެ އެވެ.

"ނުރޮއި ބައްޕައާ ވާހަކަ ދައްކާ، ދަރިފުޅު ނެރެން މިދަނީ މަސައްކަތް ކުރަމުން" ހައިދަރުގެ ބައްޕަ ބުނެ އެވެ.

"އޯކޭ. ވާހަކަ ދައްކާނަން، ޖަވާބުގައި ހައިދަރު ބުނާ އަޑު އިވެ އެވެ.

މި ހިތާމަވެރި ހާދިސާގައި ހައިދަރު މަރުވެފައި މިވަނީ ފެބްރުއަރީ މަހުގެ ކުރީކޮޅު ހަމަ މިފަދަ ގޮތަކަށް މޮރޮކޯގެ ވަޅަކަށް ވެއްޓުނު ކުޑަކުއްޖެއް ކަމަށްވާ ރަޔާން ސަލާމަތް ކުރަން ހިންގުނު ފަސް ދުވަހުގެ އޮޕަރޭޝަނަށްފަހު ވެސް އެ ކުއްޖާ މަރުވެފައި ވަނިކޮށެވެ.

ހައިދަރު ސަލާމަތްކުރަން އަޕްޣާނިސްތާނުގެ ރެސްކިއު ޓީމުން ބޭނުން ކޮށްފައިވަނީ ރަޔާން ސަލާމަތް ކުރަން ގެންގުޅުނު އުކުޅުތަކާ ދާދި އެއްގޮތް އުކުޅު ތަކެކެވެ. -- އަލް އަރަބިއްޔާ