ތައިލެންޑްގެ ވެރިރަށް ބެންކޮކްއަކީ އަހަރުމެން ދިވެހިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. ވިޔަފާރިވެރިންގެ ފޭވަރިޓެވެ. ޗުއްޓީއަށް ގޮސް ބާޒާރުކޮށްލަން ވެސް އެވަރެއް ނެތެވެ.

ނަމަވެސް ދިވެހިންގެ ތެރޭގައި އާއްމު މި މަންޒިލްގެ މުހިއްމު ކަމެއް އަހަރުމެންނަށް އޮތީ ނޭނގި އެވެ. ބެންކޮކްގެ ނަމުން މަޝްހޫރުވެފައިވާ ވެރިރަށުގެ ރަސްމީ ނަމަކީ މިއެއް ނޫނެވެ.

ބެންކޮކްގެ އަސްލު ނަމަށް ބަލާއިރު އެއީ އާއްމުކޮށް ރަށްރަށުގެ ނަމަށް ކިޔައި އުޅޭ އެއްލަފުޒުގެ ނަންތަކާ ޚިލާފަށް ޖުމްލައެކޭ ބުނެވިދާނެ އެވެ. އެއީ ކްރުންގް ތެޕް މަހަނަކޮން އަމޮން ރައްޓަނަކޮސިން މަހިންތަރަ އަޔުތަޔަ މަހަދިލޮކް ފޮޕް ނޮފަރަޓް ރަތްޗަތަނި ބުރިރޮމް އުޑޮމްރަޗަނިވެޓް މަހާސަތަން އަމޮން ޕިވަން އަވަތަން ސަތިތް ސައްކަތައްޓިޔަ ވިޓްސަނުކަމް ޕްރަސިޓް އެވެ.

މިއީ ތަނަކަށް ކިޔާ އެންމެ ދިގު ނަން ކަމަށް ގިނިސް ދުނިޔޭގެ ރެކޯޑު ފޮތުގައިވެ އެވެ. އެހެން ކަމުން ކިޔަން ފަސޭހައަކަށް ތައިލެންޑުގެ ރައްޔިތުން އެރަށަށް ކިޔައި އުޅެނީ "ކްރުންގް ތެޕް" އެވެ.

ރަސްމީ ލިޔުންތަކުގައި ބެންކޮކްގެ ނަމުގެ ގޮތުގައި ބޭނުން ކުރެވެނީ "ކްރުންގް ތެޕް މަހާ ނަކޮން (ބެންކޮކް)" އެވެ. މާނައަކީ ޕަރީންގެ ރަށެވެ.

މިފަހުން ތައިލެންޑުގެ ބައެއް ޖަމާއަތްތަކުން ވަނީ ދުނިޔެއަށް މަޝްހޫރުވެފައިވާ ބެންކޮކްގެ ނަން އުވާލައި ތައި ބަހުގެ ނަން ރަސްމީކޮށް އާއްމު ކުރުމަށް ހުށައަޅާފަ އެވެ.

ނަމަވެސް އެ ނަމަކީ އިނގިރޭސި ބަހުން ވާހަކަ ދައްކާ ފަތުރުވެރިންނަށް ކިޔަން އުނދަގޫ ނަމަކަށް ވުމާއެކު އެ ހުށައެޅުން ވަނީ ދޫކޮށްލާފަ އެވެ. އެއާއެކު ރަސްމީ ލިޔުންތަކުގައި ބެންކޮކްގެ މިހާރުގެ ރަސްމީ ނަން އިސް ފަސްކޮށް "ބެންކޮކް (ކްރުންގް ތެޕް މަހާ ނަކޮން) ގެ ނަމަށް ބަދަލު ކުރަން ވަނީ ނިންމާފަ އެވެ.

ތައިލެންޑްގެ ސަރުކާރުން ބުނީ ބެންކޮކްއަކީ މިހާރު ބްރޭންޑަކަށް ވެފައިވާ ކަމަށާއި އެނަން ބަދަލު ކޮށްފިނަމަ އެގައުމުގެ ފަތުރުވެރިކަމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.