ރާއްޖޭގައި މަސައްކަތްކުރަން ގެންނަ ބިދޭސީންގެ ޑިޕޮސިޓް ފައިސާ އަނބުރާ ދިނުމުގެ ގޮތުން މިހާތަނަށް 549 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގައި މަސައްކަތްކުރުމަށް ގެނެވޭ ބިދޭސީންގެ ޑިޕޮސިޓް ފައިސާގެ ގޮތުގައި އެކްސްޕެޓް އޮންލައިން ސިސްޓަމް ތެރެއިން، ސަރުކާރަށް ނަގާފައިވާ ޑިޕޮސިޓް ފައިސާ، ހައްގުވެރި ފަރާތްތަކަށް ރީފަންޑުކޮށްދިނުމުގެ މަސައްކަތް، އިކޮނޮމިކް މިނިސްޓްރީން ފެށީ 2019 ވަނަ އަހަރު އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަސައްކަތުގެ ދަށުން މިހާތަނަށް ސަރުކާރުގައި ބަހައްޓާފައިވާ ބިދޭސީންގެ ޑިޕޮސިޓް ފައިސާގެ ތެރެއިން 549,241,703 އޭގެ ހައްގުވެރި ފަރާތްތަކާއި ހަވާލުކޮށްފައިވާ ކަމަށެވެ.
އެކްސްޕެޓް އޮންލައިން ސިސްޓަމް ވުޖޫދަށް އައުމުގެ ކުރިން، ރާއްޖޭގައި މަސައްކަތްކުރުމަށް ގެނެވޭ ބިދޭސީންގެ ޑިޕޮސިޓް ފައިސާގެ ގޮތުގައި، ސަރުކާރުގެ އެކިއެކި ވުޒާރާތަކަށް އެކި ދުވަސްވަރު ދައްކާފައިވާ ޑިޕޮސިޓް ފައިސާ ވެސް، އޭގެ ހައްގުވެރި ފަރާތްތަކަށް ރީފަންޑް ކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއްކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އެގޮތުން ބިދޭސީ މަސައްކަތްތެރިންގެ ކަންކަން އެކި ދުވަސްވަރު ބެލެހެއްޓި ސަރުކާރުގެ އެކި އެކި އިދާރާތަކަށް ދައްކާފައިވާ ފައިސާގެ ތެރެއިން ރީފަންޑް ކުރަންޖެހޭ ޑިޕޮސިޓް ފައިސާގެ މަޢުލޫމާތު ރީފަންޑް ކުރުމަށް އެދޭ ފަރާތްތަކުން ހުށަހެޅުމުގެ ފުރުސަތު މިހާރު އިކޮނޮމިކް މިނިސްޓްރީން ވަނީ ހުޅުވާލާފަ އެވެ.
އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުން، އެފަރާތްތަކުގެ މަސައްކަތަށް ބިދޭސީން ރާއްޖެ ގެނައުމަށް ދައްކާފައިވާ ޑިޕޮސިޓް ފައިސާގެ ރިފަންޑް ބޭނުންވާނަމަ 20 ފެބްރުއަރީ އިން 20 ޖޫންގެ ނިޔަލަށް އެ ފުރުސަތު މިހާރު އިކޮނޮމިކް މިނިސްޓްރީން ވަނީ ހުޅުވާލާފަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާގެ ތަފްސީލް ހުށައަޅަން ޖެހެނީ https://refunds.trade.gov.mv ލިންކް މެދުވެރިކޮށެވެ.
މި މުއްދަތުގެ ތެރޭގައި ޑިޕޮސިޓް ފައިސާ ރީފަންޑް ކޮށްދިނުމަށް އެދި ހުށަނާޅާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދެވެން ނޯންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ރިފަންޑަށް އެދި ހުށައަޅާ ފަރާތްތަކަށް ފައިސާ ރިފަންޑް ކުރުމުގެ މަސައްކަތް ޖުލައި 20 އިން ފެށިގެން ކުރިއަށްގެންދާނެ ކަމަށެވެ.