ސަރުކާރުން އިންޑިއާގެ ރިލަޔަންސް ޖިއޯ ކުންފުންޏާއެކު ސަބްމެރިން ކޭބަލް "މޯލްޑިވްސް-އައިއޭއެކްސް ސަބްސީ ކޭބަލް" އަޅަނީ މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކާ ވާދަކުރަން ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ކްރޮސްރޯޑް މޯލްޑިވްސްގައި އޮތް ރަސްމިއްޔާތެއްގައި އިންޑިއާގެ ބިލިއަނަރު މުކޭޝް އަންބާނީގެ ރިލަޔަންސް ޖިއޯ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ މި މަސައްކަތަކީ ރާއްޖޭގެ އިގްތިސާދު ޑައިވަސިފައިކުރަން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިއާއެކު މުޅި ރާއްޖެއަށް ހަލުވި އަދި އަވަސް ސްޕީޑްގެ އިންޓަނެޓްގެ ހިދުމަތެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ މިއީ ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދޭ އަމިއްލަ ކުންފުނިތަކަށް އޮތް ކޮމްޕެޓިޝަނެއް ނޫން ކަމަށެވެ. ރާއްޖޭގައި މިހާރު ތިން ކުންފުންޏަކުން އިންޓަނެޓްގެ ހިދުމަތް ދެ އެވެ.
"މިއީ ޕްރައިވެޓް ކުންފުނިތަކަށް އޮތް ކޮމްޕެޓިޝަނެއް ނޫންކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން. އަޅުގަނޑުމެން ބޭނުން ވަނީ ޕްރައިވެޓް ސެކްޓާއާ ގުޅިގެން ރާއްޖޭގެ އިގްތިސާދު ކުރިއަރުވަން މަސައްކަތް ކުރަން،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި، ސަރުކާރުން ކޮންޓްރޯލްކުރާ ކޭބަލެއް އެޅުމުން، މުއާސަލާތީ ހިދުމަތްތަކުގެ އަގު ހެޔޮކުރަން ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ އެވެ. އެގޮތުން، އޭނާ ފާހަަގަކުރެއްވި ގޮތުގައި މި ކޭބަލްގެ ބޭންޑްވިތު، ރާއްޖޭގައި ހިދުމަތް ދިނުމުގެ ލައިސެންސް އޮންނަ ކޮންމެ މުއާސަލާތީ ކުންފުންޏަކަށް ވެސް ހެޔޮ އަގެއްގައި ގަނެވޭނެމި ކޭބަލްގެ ބޭނުމަކީ، ފައްޔާޒު ވިދާޅުވި ގޮތުގައި، މުއާސަލާތީ ހިދުމަތްތަކުގެ އަގު ހެޔޮކުރުން އެކަންޏެއް ނޫނެވެ.
ކްރޮސްރޯޑް މޯލްޑިވްސްގައި އޮތް ރަސްމިއްޔާތެއްގައި އިންޑިއާގެ ބިލިއަނަރު މުކޭޝް އަންބާނީގެ ރިލަޔަންސް ޖިއޯ ކުންފުންޏާއެކު އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސަރުކާރުގެ 100 ޕަސެންޓްގެ ހިއްސާ އޮންނަ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އޯޝަން ކަނެކްޓް މޯލްޑިވްސްގެ ޗެއާޕާސަން ރިޔާޒް މަންސޫރު އެވެ. އަދި ރިލަޔަންސް ޖިއޯ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ރައީސް އަދި ބޯޑު މެންބަރު މެތިއު އޫމަން އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި ސަރުކާރުން މި ކޭބަލް އަޅަނީ ރާއްޖޭގައި އިންޓަނެޓްގެ އަގުހެޔޮކޮށް އަވަސް އިންޓަނެޓްގެ ޙިދުމަތެއް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމުގެ މަގުސަދުގަ އެވެ.
މި ކޭބަލް ގުޅާލުމުގެ މަސައްކަތް އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އޯޝަން ކަނެކްޓުން ބުންޏެވެ. އައިއޭއެސް އިން ހިދުމަތަށް ތައްޔާރު ވާނީ 2024 ވަނަ އަހަރުގެ މެދުތެރޭގަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރިލަޔަންސްގެ މެތިއު ވިދާޅުވީ، މިއީ ރާއްޖެއަށް ވެސް އަދި މުޅި މި ސަރަހައްދަށް ވެސް ވަރަށް މުހިންމު ދުވަހެއް ކަމަށެވެ. އަދި ރާއްޖެއަކީ އިންޑިއާގެ ގާތް ރަހުމަތްތެރިއެއްގެ ގޮތުގައި އޮތްއިރު ޖިއޯ ކުންފުނިން ވެސް މި ރަހުމަތްތެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރަންޖެހޭކަން ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ސަބްމެރިން ކޭބަލް މެދުވެރިކޮށް ދުނިޔޭގެ ދެ ބިތުގައި ދެ ކަނެކްޝަނެއް ތައާރަފުކުރާނެ އެވެ. އަދި ތާޑް ޕާޓީ ހަބްތަކަށް ބަރޯސާނުވެ ސިންގަޕޫރުން ޔޫރަޕަށް ސީދާ އިންޓަގްރޭޝަންތައް ލިބޭނެ އެވެ. މިއާ އެކު ރާއްޖޭގައި އިންޓަނެޓް ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަަކަށް މި ކޭބަލް ބޭނުންކޮށްގެން މިހާރަށްވުރެ ހަރަދު ކުޑަކޮށް ހިދުމަތް ދެވޭނެ އެވެ.
މި ކޭބަލާ އެކު އިންޓަނެޓް ގަންނަން ކުރާ ހޭދަ ކުޑަވެ، ޑޭޓާ އާއި އިންޓަނެޓަށް ސަރުކާރުން ކުރާ ހަރަދު ދެ ގުނައަށް ކުޑަވާނެ ކަމަށް އޯޝަން ކަނެކްޓުން ލަފާ ކުރެ އެވެ. އަދި މިއާއެކު އިންޓަނެޓުގެ ކެޕޭސިޓީ ވެސް ދެ ގުނައަށް އިތުރު ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ލަފާ ކުރެ އެވެ.