މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ ކައިވެނި އެއް ދުވަހެއްގައި ކުރާ ދުވަހަކަށް މާދަމާ ވެއްޖެ އެވެ.

ފެމެލީ ކޯޓުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ މާދަމާ މާލޭގައި އެކަނިވެސް 87 ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެއީ މާލޭގައި ކޯޓުގައި 46 ކައިވެންޏާއި ކޯޓުން ބޭރުގައި 39 ކައިވެނިކަމަށް އެ ކޯޓުން ބުނެ އެވެ. މިއަދަދަކީ މާދަމާ މާލޭގައި އެކަނި ކުރާ ކައިވެނީގެ އަދަދަށް ވާއިރު، އަތޮޅު ތެރޭގައި ވެސް މާދަމާ ގިނަ އަދަދެއްގެ ބަޔަކު ކައިވެނި ކުރާނެ ކަމަށް ބެލެވެ އެވެ.

މިއަހަރުގެ އެންމެ ރީތި ތާރީހަކީ މާދަމާ އެވެ. 22-02-22 ގެ ތާރީހުގައި ކައިވެނި ކުރާނެ ސީދާ އަދަދު ސާފު ނުވި ނަމަވެސް މާދަމާ ވެގެންދާނީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ އަދަދަކަށް އެއްދުވަހެއްގައި ކައިވެނި ކުރާ ދުވަހަކަށް ކަމަށް ބެލެވެ އެވެ.

މާލޭގައި މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ކައިވެނިކުރީ 2020 ގަ އެވެ. އެއީ 20/02/2020 ކުރި 66 ކައިވެންޏެވެ.

މިއަހަރު އެންމެ ފުރަތަމަ އައި ރީތި ތާރީހަކީ މިމަހުގެ ދެވަނަ ދުވަހެވެ. އެ ދުވަހު މާލޭގައި އޮތީ 37 ކައިވެންޏެވެ. ކޮންމެ އަހަރެއްގައި ވެސް ރީތި ތާރީހުތަކުގައި ކައިވެނި ކުރާ މީހުންގެ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެ އެވެ.

ދިވެހިރާއްޖޭގައި މީހުން ކައިވެނި ކުރާ ރޭޓާއި ވަރިކުރާ ރޭޓު ވެސް މަތި ކަމަށް ހިސާބުތަކުން ދައްކަ އެވެ. ނިސްބަތުން އެންމެ ވަރި ގިނައީ ރާއްޖޭގައި ކަމަށް ދުނިޔޭގެ ރިކޯޑު ފޮތް ބަލަހައްޓާ ގިނީސް ވޯލްޑް ރެކޯޑްސް އިން ބުނެ އެވެ.