ޔޫކްރެއިންގެ ވެރިރަށް ކީވް އިން އާއްމުން ބޭލުމަށް ރަޝިއާގެ ޑިފެންސް މިނިސްޓްރީން މިއަދު އަންގައިފި އެވެ.

ރަޝިއާއިން ބުނީ އާއްމުންނަށް ރައްކާތެރިކަމާއެކު ކީވް އިން ނުކުމެވޭނެ މަގު ހަމަޖައްސައިދީފައިވާ ކަމަށެވެ.

ރަޝިޔާގެ ދިފާއީ ވުޒާރާއިން ބުނީ އާއްމުންނަށް ނުކުމެވެން އޮތީ ކީވްގެ ހުޅަނގު ދެކުނުން 20 ކިލޯމީޓަރު ދުރުގައި އޮންނަ ސިޓީއެއް ކަމަށްވާ ވަސިލްކޯވްއާ ދިމާއަށް ދާން އޮންނަ ހައިވޭ އިން ކަމަށެވެ. އަދި އެ މަގު އޮތީ ހުޅުވާލާފައި ކަމަށާއި އަދި އެއީ ރައްކާތެރި މަގަކަށްވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެ ވުޒާރާއިން ބުނީ ރަޝިޔާއިން މިއީ "ހަމައެކަނި އަސްކަރީ ތަކެއްޗަށް ދޭ ހަމަލާއެއް" ކަމަށާއި، ނަމަވެސް އާންމުންނަށް މިކަމުގެ ނުރައްކާ އޮންނާނެ ކަމަށެވެ.

ރަޝިއާއިން މިއަދު އެކަމަށް ގޮވާލާފައި މިވަނީ ބެލަރޫސްގައި ސުލްހައިގެ ވާހަކަތައް ފެށުމަށް ޔޫކްރެއިން އާއި ރަޝިއާގެ ވަފުދުތައް ތައްޔާރުވަމުންދާ ވަގުތެއްގަ އެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އާންމު ތަގުރީރެއްގައި ވިދާޅުވީ، މަޝްވަރާތަކާ މެދު ކުރައްވާ އުއްމީދުތައް ކުޑަ ކަމަށެވެ. އަދި އޭނާގެ ގައުމު އިސްތިޢުމާރުކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކިއޭވްގެ މޭޔަރު ވިޓާލީ ކްލިޗްކޯ އާދީއްތަ ދުވަހު އޭޕީއަށް ވިދާޅުވީ، ރަޝިއާ ސިފައިން އެ ސިޓީ އެއްކޮށް ވަށާލާފައިވާ ކަމަށާއި، ނަމަވެސް ފަހުން ފަހަތަށް ޖައްސާލާފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން ޔޫކްރެއިންގެ ސަރުކާރުން ވަނީ އާންމުންނަށް ހަތިޔާރު ބަހައި، ޖަލުން އަސްކަރީ ތަޖުރިބާ ހުރި ކުށްވެރިން ދޫކޮށްލައި، ރަޝިއާ ސިފައިންނާ ހަނގުރާމަކުރުމަށް އަލިފާން ބޯޅަ ތައްޔާރު ކުރުމަށް ރައްޔިތުންނަށް ގޮވާލާފަ އެވެ.

ރަޝިޔާއިން ޔޫކްރެއިންއަށް ބުރާސްފަތި ދުވަހު ހަމަލާ ދިނީ، ޑޮނޭޓްސްކް އާއި ލުގާންސްކްގެ އިތުރުން ރަޝިޔާގެ ވަކިވެފައިވާ ސަރަހައްދުތައް ހިމާޔަތް ކުރުމަށް އެ ގައުމު ޑީމިލިޓަރައިޒްޑް ކޮށް "ޑީނާޒިފައި" ކުރަން ޖެހޭ ކަމަށް ބުނެ އެވެ.