މަޝްހޫރު މިއުޒިކް އާޓިސްޓް ކާންޔޭ ވެސްޓް އަނެއްކާ ވެސް ލޯބިވެރިއަކު ހޯދައިފި އެވެ.

ކާންޔޭ އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި އަންހެނުން ކިމް ކާޑޭޝިއަން އާ ވަކިވާން ޖެހުނީ، ކިމް އަށް ކާންޔޭ ބޭވަފާތެރިވިކަން ހާމަވުމުންނެވެ.

އެ މައްސަލައިގައި ކިމް ވަނީ ކާންޔޭއާ ވަރިވާން ވެސް ފައިލްކޮށްފަ އެވެ. ކިމް އާއި ކާންޔޭގެ ވަރި ސާބިތުވުމަށްފަހު، ކިމް ވަނީ ޕީޓް ޑޭވިޑްސަން ނަމަކަށް ކިޔުނު އެމެރިކާގެ ކޮމެޑިއަންއަކާ ލޯބީގެ ގޮތުން ގުޅިފަ އެވެ. އަދި ކާންޔޭ ލޯބީގެ ގޮތުން ގުޅުނީ، އެމެރިކާގެ ފިލްމީ ފަންނާނެއް ކަމަށްވާ ޖޫލިއާ ފޮކްސްއާ އެވެ.

ނަމަވެސް ލޯބީގެ ގޮތުން ގުޅުނުތާ ހަ ހަފްތާ ނުވެ އަޑުއިވެން ފެށީ އެ ދެފަންނާނުން ވެސް ވަކިވި ހަބަރެވެ. ޖޫލިއާ އާއި ކާންޔޭ ވަކިވީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. އެހެން ނަމަވެސް ކާންޔޭގެ އައު ލޯބިވެރިޔާ ކަމަށްވާ ޗެއިނީ ޖޯންސްއާ ގުޅުނީ ޖޫލިއާއާ ލޯބީގެ ގޮތުން ގުޅިގެން އުޅެނިކޮށް ކަމަށް އިނގިރޭސި ބައެއް މީޑިއާތަކުން ވަނީ ބުނެފަ އެވެ.

ކާންޔޭ އާއި ޗެއިނީ ލޯބީގެ ގޮތުން ގުޅުނުކަން މިހާރު ވަނީ މީޑިއާތަކަށް އާންމުކޮށްފަ އެވެ. އަދި އެ ދެ ފަންނާނުން ވެސް އެކީގައި ބޭރުގައި އުޅޭ މަންޒަރުތައް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

ކިމްއާ ވަކިވުމަށްފަހު ކާންޔޭ ވަނީ ކިމް އަލުން ހޯދުމަށް ވަރަށް މަސައްކަތް ކޮށްފަ އެވެ. އެހެން ނަމަވެސް ކިމް އިތުރަށް ދެން ކާންޔޭއާ ގުޅެން ބޭނުން ނުވާ ކަމަށް އޭނާ ބުނެފައިވެ އެވެ.