ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ދޫނިތަކެއް މަރާލި މައްސަލައިގެ ތަފްސީލީ ރިޕޯޓެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވައިފި އެވެ.

ދޫނިތައް މަރާލި މައްސަލާގައި ރައީސް ސޯލިހު ވަނީ އެކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު ރިޕޯޓެއް އެކުލަވާލަން ފިޝަރީޒް މިނިސްޓްރީއަށް އަންގަވާފަ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އެ ރިޕޯޓްގެ މަސައްކަތް ނިންމާ ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި ރިޕޯޓާއި ގުޅިގެން ހާމަކުރަން ޖެހޭ މައުލޫމާތުތައް ހާމަކުރާނީ ރައީސް އޮފީހުން ކަމަށް އެ މިނިސްޓްރީއިން ބުނެ އެވެ.

ދޫނިތައް ރާއްޖެ އެތެރެކޮށްފައިވަނީ އެ މަސައްކަތް ކުރާ ޕެޓް މާސް ކިޔާ ކުންފުންޏަކުންނެވެ. 120 ދޫނި މަރާލަން ލަފާ ދިނީ އެޓާނީ ޖެނެރަލްގެ އޮފީހުން ކަަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ބުނެފައިވާއިރު، އެ ދޫނިތައް މަރާލާފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕްލާންޓް އެންޑް އެނިމަލް ޔުނިޓުގަ އެވެ. އެހެން ނަމަވެސް އެ ދޫނިތައް މަރާ ނުލައި، އެ ދޫނިތައް ގެނައި ގައުމަށް އަނބުރާ ފޮނުވާލެވެން އޮތް ކަމަށް ވެސް އޭޖީ އޮފީހުން ބުނެފައިވެ އެވެ.

އޭގެ އިތުރުން ގަވާއިދާ ހިލާފަށް ގެންނަ ދޫނިތައް އަބަދުވެސް ނައްތާލާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ގިނަ އަދަދެއްގެ ދޫނިތަކެއް މާރާލާފައިވާ ފޮޓޯއާއި ވީޑިއޯ ޝޯޝަލް މީޑިއާގައި ދައުރުވެފައިއިވާއިރު، އާންމުން ދަނީ އެކަމަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. އަދި މިކަމާ ދެކޮޅަށް އާންމުން ވަނީ މިއަދު ހަވީރު މުޒާހަރާ ކުރުމަށް ވެސް ނިންމާފަ އެވެ.

މިނިސްޓްރީން ދޫނިތައް މަރާލާފައިވަނީ ދޫނިތައް ހިފެހެއްޓި މައްސަލަ ސިވިލް ކޯޓުގައި އޮއްވާ ކަމަށްވެ އެވެ.