ރާއްޖޭގައި އަލަށް އުފެއްދި ފްލައިން ސްކޫލް، މޯޑިވްސް އޭވިއޭޝަން އެކެޑަމީގެ ތަމްރީންތަކުގައި ބޭނުންކުރުމަށް އާ ބޯޓެއް ގެނެސްފި އެވެ.

އެ ސްކޫލްގައި ބޭނުންކުރަން އަލަށް ގެނެސްފައި ވަނީ މަލްޓި އިންޖީން ޓެކްނަމް އެއާކްރާފްޓެކެވެ. މި އެއާކްރާފްޓް އެސެމްބްލް ކުރާނީ ސ. ގަމުގެ ވައިގެ ބަނދަރުގަ އެވެ.

އޭވިއޭޝަން އެކަޑަމީން ބުނީ އަލަށް މިގެނައި އެއާކްރާޕްޓް ބޭނުންކުރާނީ އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުންގެ ޓްރެއިނިންތަކުގައި ކަމަށެވެ. އެގޮތުން މި ބޯޓު ދަރިވަރުންގެ މަލްޓި އިންޖީން ޓްރެއިނިންތަކުގައި ބޭނުންކުރެވޭނެ ކަމަށް ވެސް އެ އެކަޑަމީން ބުނެ އެވެ.

މޯލްޑިވްސް އޭވިއޭޝަން އެކަޑަމީއަކީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަށުން ދާދިފަހުން އުފައްދައި ހުޅުވި އެކަޑަމީއެކެވެ. މި އެކަޑަމީ ހިންގަނީ އައިލެންޑް އޭވިއޭޝަނާއި ގައުމީ ޔުނިވާސިޓީ ގުޅިގެންނެވެ.

އޭވިއޭޝަން ސްކޫލްގެ ކިޔެވުން މިދިޔަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު ވަނީ 35 ދަރިވަރުންނާއެކު ފަށާފަ އެވެ. މި ސްކޫލުން ފުރަތަމަ ދޭން ހަމަޖެހިފައި ވަނީ ފްލައިން ޓްރެއިނިން އެވެ.

ނަމަވެސް ކައިރި މުސްތަގްބަލެއްގައި އިތުރު ޕްރޮގްރާމްތައް ތައާރަފް ކުރެވިގެންދާނެ ކަމަށް އެ އެކަޑަމީން ބުންޏެވެ. އަދި މި ފްލައިން އެކަޑަމީގެ ދަށުން އެންމެ ފުރަތަމަ ގެންދަން ހަމަޖެހިފައި ވަނީ ދެ މަސް ދުވަހުގެ ރިފްރެޝް ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި 50 ގަޑިއިރުގެ ތިއަރީއާއި ފްލައިން ކުރިއަށްދާނެ އެވެ.

ޕައިލެޓުން ތަމްރީނުކުރުމަށްޓަކައި ލަންކާގެ އޭޝިއަން އެކެޑެމީ އޮފް އޭއިރޮނޯޓިކްސްއިން ވަނީ އައްޑޫ ފްލައިން ސްކޫލެއް ހިންގާފަ އެވެ. އެތަނުގައި ކިޔަވާ ދަރިވަރުންނަށް އެކަށީގެންވާ ގޮތެއްގައި ތަމްރީނު ނުދެވޭ ކަމަށް ބުނެ އެތަނުގެ ދަރިވަރުންގެ ޝަކުވާ ބޮޑުވެ، އެތަނާ މެދު ސަރުކާރުން ވަނީ ފިޔަވަޅު ވެސް އެޅި އެވެ.

އާ ފްލައިން ސްކޫލް ހުޅުވައިގެން ހިދުމަތްދޭން ފަށާފައިވާއިރު، ކުރިން ހިންގި ސްކޫލްގައި ކިޔެވި ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރުމަށް ސަރުކާރުން ވަނީ އިސްކަންދެއްވާފަ އެވެ.