ރާއްޖެއިން ބޭރުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ތެރެއިން ހަނގުރާމައެއްގައި ބައިވެރިވުމަށް ފިލައިގެން ދިއުމަށްފަހު ހާލުގައި ޖެހިފައިވާ ދިވެހި އާއިލާއެއް މިއަދު ރާއްޖެ ގެނެސްފި އެވެ.
ހޯމް މިނިސްޓްރީއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިއަދު މާލެ ގެނެސްފައިވާ އާއިލާގައި ހިމެނެނީ އަންހެނަކާއި އޭނާގެ ހަތަރު ދަރިން ކަމަށެވެ. އެއީ 18 އަހަރު ނުފުރޭ ކުދިން ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.
ހޯމް މިނިސްޓްރީއިން ބުނީ މީގެ އަހަރުތަކެއް ކުރިން ރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަހައްދުތަކަށް ދަތުރުކޮށްފައިވާ ދިވެހި ފިރިހެނުންނާއެކު ދަތުރުކުރި އެމީހުންގެ އަނބިންނާއި އެފަދަ އާއިލާތަކަށް ނިސްބަތްވާ ކުޑަކުދިން، ހަނގުރާމާގައި ހާލުގައި ޖެހިފައިވާ މީހުން ބަލަހައްޓާ ކޭމްޕުތަކާއި އެފަދަ އެހެން ތަންތަނުގައި ހާލުގައި ޖެހި ފުރާނައަށް ނުރައްކާވާ ހާލަތަށް ގޮސްފައިވާ ކަމުގެ ޝަކުވާ ދިވެހި ސަރުކާރަށް ލިބިފައިވާ ކަމަށެވެ. އެފަދަ މީހުން ނިސްބަތްވާ އާއިލާތަކުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށާއި ސަރުކާރުގެ ކަމާގުޅުންހުރި ތަފާތު އިދާރާތަކަށް އެފަދަ ޝަކުވާ ކުރަމުންދާކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިފަދަ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ހޯދުމަކީ ސަރުކާރުގެ ރިޔާސީ ވައުދަކަށް ވާތީ ވޭތުވެދިޔަ ދުވަސްތަކުގައި މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން މުހިންމު ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް ވެސް ހޯމް މިނިސްޓްރީން ބުންޏެވެ.
ކުޑަކުދިންނާއި އަނިޔާއަށް ހުށަހެޅިފައިވާ އަންހެނުންނަކީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކުން ހާއްސަ ސަލާމަތާއި ރައްކާތެރިކަން ދީފައިވާ ބައެއް ކަމަށްވާތީ މިއަދު ރާއްޖެ ގެނައި އާއިލާގެ އިތުރު އެއްވެސް ތަފްސީލެއް ހޯމް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.
ހޯމް މިނިސްޓްރީން ބުނީ އެފަދަ ފަރާތްތަކުގެ އައިޑެންޓިޓީ ހާމަކޮށް ޒާތީ މައުލޫމާތު އާންމުކޮށް ފެތުރުމަކީ އެފަދަ ފަރާތްތަކުގެ އިންސާނީ ކަރާމަތަށް އުނިކަން ލިބޭ، ގާނޫނީ ގޮތުން މަނާކަމެއް ކަމަށެވެ.
މިފަދަ އާއިލާތައް ރާއްޖެ ގެނައުމުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދިވެހިރައްޔިތުންގެ އަސާސީ އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ކަމަށް ވެސް ހޯމް މިނިސްޓްރީން ބުންޏެވެ.
އެކި ސަބަބުތަކާ ހުރެ މުޖުތަމައުން ހަވާސާވެފައިވާ ފަރާތްތައް ގާނޫނުތަކާއި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިން، އިސްލާހުކޮށް ޒިންމާދާރު ރައްޔިތުންގެ ގޮތުގައި އަނބުރާ މުޖުތަމައަށް ގެނައުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.