ކީވް (12 މާޗް) - ޔޫކްރެއިންއާއި ރަޝިއާއާ ދެމެދު ކުރެމުންދާ ހަނގުރާމަ 17 ވަނަ ދުވަހަކަށް އަލިވިލުނު އިރު، ރަޝިއާގެ އަސްކަރިއްޔާއިން ވެރިރަށް ކީވްއާ 25 ކިލޯމީޓަރަށް ކައިރިވެފައިވާ ކަަމަށް ރިޕޯޓުތައް ބުނެފި އެވެ.

އިނގިރޭސިވިލާތުގެ އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް އެގައުމުގެ ޑިފެންސް މިނިސްޓްރީއިން އާއްމު ކޮށްފައިވާ ބަޔާނެއްގައިވާ ގޮތުން ރަޝިއާގެ ފައުޖު ވަނީ މިހާރު ކީވްއަށް އެރުމާ ވަރަށް ކައިރީގަ އެވެ.

އެގޮތުން ކީވްގެ އުތުރުން ދަތުރު ކުރަމުން އައި ރަޝިއާގެ ފައުޖު ބެހިގަނެފައިވާ ކަމަށާއި އެކަމުގެ މަގްސަދަކީ ކީވް ވަށާލުން ކަމަށް ވެސް ރިޕޯޓުތަކުގައި ބުނެފައިވެ އެވެ.

މި ރިޕޯޓު ލިބިފައިވާއިރު ކީވްގެ ރަށް ބޭރުން މިސައިލް ހަމަލާތަކާއި ބަޑީގެ އަޑު މިއަދު ފަތިހުން ފެށިގެން އިވެމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މީގެ ކުރިން އެމެރިކާއިން އާއްމުކޮށްފައިވާ ސެޓެލައިޓް ފޮޓޯތަކަށް ބަލާއިރު ރަޝިއާ އަސްކަރިއްޔާގެ ފައުޖު ގާތްގަނޑަކަށް 40 މޭލަށް އެތުރިފައިވާ މަންޒަރު ފެނެ އެވެ.

މިހާތަނަށް ބަލާއިރު ޔޫކްރެއިންގެ ސަރަހައްދުތައް ކަމަށްވާ ކަރްކީވް، ޗެރްނީވް، ސޫމީ އަދި މެރިއުޕޯލް ވަނީ ރަޝިއާގެ އަތް ދަށަށް ގެނެވިފަ އެވެ. -- ސީއެންއެން