މަނީލޯންޑާ ކުރާކަމުގެ ތުހުމަތުގައި، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)އިން އަލްހާން ފަހުމީގެ ކިންގްސް ފޮރެކްސް "އިންވެސްޓްމަންޓް ސްކީމް" ހިންގާ ކުންފުނީގެ މައްސަލައެއް ބަލަން ފަށައިފި އެވެ.
އެފްއައިޔޫއަކީ މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މަރުކަޒީ ބޭންކު، އެމްއެމްއޭގެ އެތެރޭގައި އުފައްދާފައި އޮންނަ ޔުނިޓެކެވެ. މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ހަރަކާތްތަކާއި އެ ކުށް ކޮށްގެން ހޯދާ މުދަލާ ބެހޭ މައުލޫމާތު ހޯދައި، އެހެން ފަރާތްތަކަށް ފޯރުކޮށްދޭ ގައުމީ މައި އިދާރާއަކީ އެފްއައިޔޫ އެވެ.
އެފްއައިޔޫން އެ ކަމެއް ބެލުމަށް ފަހު ޝައްކު ކުރެވޭ މައްސަލަތައް ފޮނުވަނީ ކަމާ ބެހޭ އެކިއެކި އިދާރާތަކަށެވެ. އެފްއައިޔޫން އެއްވެސް މައްސަލައެއް ތަހުގީގެއް ނުކުރާނެ އެވެ.
ނަމަވެސް މިކަމާ ބެހޭ ގޮތުން އެމްއެމްއޭއިން ވާހަކަދައްކާކަށް ބޭނުމެއް ނުވި އެވެ.
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިސްތިހާރުކޮށްގެން، ކިންގްސް ފޮރެކްސްގެ ނަމުގައި އެ ސްކީމްގައި ހިންގަނީ ކިންގްސް ކެޕިޓަލް ހޮލްޑިން ޕްރައިވެޓް ލިމިޓެޑްގެ ނަމުގަ އެވެ. އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބެނީ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އޭނާގެ ކޮއްކޮ އަދި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ އެވެ.
ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން އިސްވެ ހުންނަވައި ހިންގާ ކިންގްސް ފޮރެކްސް "އިންވެސްޓްމަންޓް ސްކީމް" ގެ އެކައުންޓް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުރާސްފަތި ދުވަހުގެ ރޭ ވަނީ ފްރީޒްކޮށްފަ އެވެ. އެ ކައުންޓް ފްރީޒްކޮށްފައި ވަނީ ފްރޯޑް ސްކީމެއް ހިންގާ ކަމަށް ތުހުމަތުކޮށެވެ.
ފްރޯޑް ސްކީމެއް ހިންގާތީ ސަމާލުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިރޭ އިލްތިމާސްކޮށް އަދި މިފަދަ ސްކީމްތަކާމެދު ފިޔަވަޅު އެޅުމަށް ބޭންކުތަކުން އެދިފައިވެ އެވެ.
"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށްޓަކައި ހިންގާ މިފަދަ ބައެއް ސްކީމްތަކުން މިހާތަނަށް 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވެ އެވެ.
އެމްއެމްއޭއިން ބުރާސްފަތި ދުވަހުގެ ރޭ ބުނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށްޓަކައި، މި ސްކީމް ހިންގަމުން ދަނީ ސޯޝަލް މީޑިއާ ނެޓްވޯކްތައް ކަމަށްވާ ފޭސްބުކާއި ޓެލެގްރާމް ފަދަ ނެޓްވޯތަކުގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.