އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި ހުންނެވި އާދަމް އާޒިމް މަގާމުން ދުރުކުރަން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

އޭނާ ހުށަހެޅި މައްސަލަ ބަލައިގަތުމާއި ގުޅޭގޮތުން މަޖިލީހުގައި ވޯޓު ނަގާފައިވާއިރު، ޖާބިރު ހުށަހެޅި މައްސަލަ ބަލައިގަތުން ފެންނަ ކަމަށް ވޯޓު ލާފައިވަނީ އެއްމެ މެމްބަރެކެވެ. ވަކި ގޮތަކަށް އެއް މެމްބަރަކު ވޯޓު ނުދޭއިރު، ޖާބިރު ހުށަހެޅި މައްސަލަ ބަލައިގަތުމަށް ނުފެންނަ ކަމަށް 29 މެމްބަރަކު ވޯޓު ދެއްވާފައިވެ އެވެ.

އާޒިމް މަގާމުން ވަކިކުރެއްވުމަށް މަޖިލީހަށް މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވަނީ، އާޒިމްއަށް، ކޮރަޕްޝަންގެ އަމަލުތައް ކުރައްވާކަމަށް ތުހުމަތުކުރައްވާފަ އެވެ.

އާޒިމްގެ ބޭބެގެ ސިޔާސީ ޕާޓީ، އެމްއެންޕީއަށް ނާޖާއިޒް ގޮތެއްގައި މަންފާ ހޯދައިދޭ ކަމަށް އޭނާ ބުނެފައިވެ އެވެ. އަދި އާޒިމް އުޅުއްވަނީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އުޅުއްވި ފަދައިން އަމިއްލަ ޖީބު ފުރުއްވަން ކަމަށް އޭނާ ތުހުމަތު ކުރައްވާފައިވެ އެވެ.

އެފަދަ މީހުންގެ ސަބަބުން ދައުލަތް ފަލީހަތްވަމުންދާ ކަމަށް ބުނެ މެމްބަރު ޖާބިރު، އާޒިމް މަގާމުން ދުރުކުރެއްވުމަށް ގޮވާލެއްވި އެވެ.