މެލްބަން (14 މާޗް) - 2014 ވަނަ އަހަރު ރަޝިއާގެ މިސައިލެއް އަމާޒުވެ ވެއްޓުނު މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް 17ގެ ތަހުގީގު އަލުން ފަށައިފި އެވެ.

އޮސްޓްރޭލިއާގެ ސަރުކާރުން ބުނީ ބައިނަލްއަގްވާމީ ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަނަށް މި މައްސަލަ އަލުން ހުށައަޅައި ރަޝިއާއަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ.

އެމްސްޓަޑަމްއިން ފުރައިގެން ކުއަލަލަމްޕޫރަށް ދަތުރުކުރި މި ފްލައިޓް ވެއްޓިފައި ވަނީ ޔޫކްރެއިންގެ ވައިގެ ސަރަހައްދުން ދަތުރުކުރަމުން ދަނިކޮށް ރަޝިއާއަށް ވާގިވެރިވާ ޔޫކްރެއިންގެ ޖަމާއަތަކުން ފޮނުވާލި މިސައިލެއް އަމާޒުވެގެންނެވެ.

މި ހާދިސާގައި ފްލައިޓްގައި ތިބި 298 މީހުން މަރުވިއިރު އަދި މިހާތަނަށް ރަޝިއާއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

"ރަޝިއާއިން މިކަމުގެ ޒިންމާއިން ރެކެން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" އޮސްޓްރޭލިއާ ސަރުކާރުގެ ބަޔާނުގައި ބުނެފައިވެ އެވެ.

އޮސްޓްރޭލިއާއާއި ނެދަލޭންޑްސް ގުޅިގެން މި މައްސަލަ ހުށައަޅަން ނިންމާފައިވާއިރު ވީހާވެސް އަވަހަކަށް މައްސަލަ ކުރިއަށް ގެންދާނެ ކަމަށް ދެ ގައުމުން ބުނެފައިވެ އެވެ. – ސީއެން އެން